އީރާނުގެ ނިއުކްލިއާ އެއްބަސްވުން މުރާޖައާ ކުރަން ޓްރަމްޕް އަންގަވައިފި

ވޮޝިންޓަން (އެޕްރީލް 20) - އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް އީރާނުން ފުރިހަމަ އަށް ކިޔަމަންވަމުން ދިޔަ ނަމަވެސް އެ އެއްބަސްވުން އަލުން މުޒާޖައާ ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.


ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ގާއިމްކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުން އަލުން ބަލަން އަންގާފައި ވަނީ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ކޮންގްރެސް އަށް ފޮނުއްވި ސިޓީއެއްގަ އެވެ. ޓިލަސަން ވިދާޅުވީ 2015 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވުމަކީ ކަންބޮޑުވުމެއް ކަމަށް ޓިލަސަން ވިދާޅުވި އެވެ.

ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާ އިން އެންމެ ފަހުން ދެއްކި ވާހަކަތަކަށް އީރާނުން ރައްދު ދީފައެއް ނުވޭ. --ފޮޓޯ:އީޕީއޭ

ޓިލަސަން ވިދާޅުވީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށާއި މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތު ގެއްލުވާލަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަކީ މިހާތަނަށް ސޮއިކުރި އެންމެ ތާކުންތާކު ނުޖެހޭ އެއްބަސްވުން ކަމަށެވެ. އެކަމަކު ކުރީގެ ރައީސް އޮބާމާ ވިދާޅުވެފައި ވަނީ އީރާނާ އެކު ދުނިޔޭގެ ބާރުގަދަ ހަ ގައުމަކުން ސޮއިކުރި އެއްބަސްވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމަށް އީރާނުން ބޯލެނބުމާ އެކު އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.