މެދުއިރުމަތީގެ ސުލްހަ އަށް އޮތީ ވަރަށް ރަނގަޅު ފުރުސަތެއް: ޓްރަމްޕް

ވޮޝިންޓަން (މެއި 4) - މެދުއިރުމައްޗަށް ސުލްހަ ހޯދަން ރަނގަޅު ފުރުސަތެއް ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "މިކަން ކުރާނެ" ކަމަށެވެ. އައްބާސް ވިދާޅުވީ ސުލްހަ ބޭނުން ވަނީ މިނިވަން ދެ ދައުލަތް އުފައްދައިގެން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބައުންޑަރީގައި ކަމަށެވެ.

"ރައީސް ޓްރަމްޕާ އެކު އަނެއްކާ ވެސް ސުލްހައިގެ އުއްމީދު މިވަނީ އާވެފައި،" އައްބާސް ވިދާޅުވި އެވެ.

އެކަމަކު ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދުމަކީ ޓްރަމްޕް ތާއީދު ކުރައްވާ ކަމެއް ނޫނެވެ. ފެބްރުއަރީ މަހު ޓްރަމްޕް ވަނީ އެމަނިކުފާން ބޭނުން ވަނީ ދެ ގައުމު ވެސް ރުހޭ އެއް ދައުލަތް ގާއިމް ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި މަރުހަބާ ވިދާޅުވަނީ. --ފޮޓޯ:އޭއެފްޕީ

އައްބާސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ދެ ފަރާތުން ހިންގާ ހަމަނުޖެހުންތައް ހުއްޓުވައިގެން ނޫނީ ދާއިމީ ސުލްހައެއް ހޯދެން ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލަށް ތާއީދުކޮށް ޓްރަމްޕް ދެއްވަމުން ގެންދެވި ބަޔާންތަކުގެ ސަބަބުން ފަލަސްތީން-އިޒްރޭލުގެ މައްސަލަ އަށް ހައްލެއް ހޯދިދާނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ފަލަސްތީނުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާއި އިޒްރޭލުގެ ސަފީރަކަށް ޔަހޫދީންނަށް ތާއީދުކުރާ ބޭފުޅަކު ހަމަޖެއްސުން ހިމެނެ އެވެ. ނަމަވެސް ޓްރަމްޕުގެ ފަހުގެ އިސް ނެގުމާ އެކު ސުލްހައާ މެދު ސީރިއަސްވެފައިވާ ކަމަށް މެދުއިރުމައްޗަށް ޓްރަމްޕް ކަނޑައެޅި މަންދޫބު ވަނީ ވިދާޅުވެފަ އެވެ.