ގުޖުރާތުގައި މާބަނޑު އަންހެނަކު ރޭޕްކުރި ފަސް ފުލުހުން ކުށްވެރިވެއްޖެ

މުމްބާއީ (މެއި 4) - އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓުގައި 2002 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި އުމުރުން 19 އަހަރުގެ މާބަނޑު އަންހެނެއް ކަމަށްވާ ބަލްކިސް ބާނޫ ރޭޕްކޮށް އެ އާއިލާގެ 14 މީހުން މަރާލި މައްސަލާގައި ފަސް ފުލުހަކާއި ދެ ޑޮކްޓަރުން ކުށްވެރިވާ ކަމަށް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ބަލްކިސް ރޭޕް ކުރިކަމުގެ ކުށުގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ 11 މީހެއްގެ ހުކުމް ވެސް ބޮމްބޭ ހައި ކޯޓުން މިއަދު ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް މީގެ ތެރޭން ތިން މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ސީބީއައި އިން އެދުނު ގޮތަށް ކޯޓުން ނިންމައިފައެއް ނުވެ އެވެ.

ގުޖުރާތުގެ ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މުސްލިމުން ވަނީ މަރައިފަ އެވެ.

މުމްބާއީ ކޯޓުގެ ހުކުމަށް ފަހު ބަލްކިސް ނެރުނު ބަޔާނެއްގައި ބުނީ އޭނާ ރޭޕް ކުރުމަށް ހިތްވަރު ދީ އަދި އޭނާ އަށް ހަމަލާ ދިން މީހުންނަށް ހިތްވަރު ދިން މީހުން ކުށްވެރިވީތީ ހިތްހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ހައްގު، އިންސާނެއްގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި، އަންހެނެއްގެ ގޮތުގައި، މައެއްގެ ގޮތުގައި ވަނީ އޭގެ އެންމެ ނުބައި ގޮތުގައި ނަގާލާފައި. އެކަމަކު މި ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް އަޅުގަނޑު އިހްތިރާމް ކުރަން. އަޅުގަނޑާއި އަޅުގަނޑު އާއިލާ އިން އަނެއްކާ ވެސް އުއްމީދު ކުރަން މިނިވަން ކަމާ އެކު ދިރިއުޅެވިދާނެ ކަމަށް،" ބަލްކިސް ބުނެފައިވެ އެވެ.

ގުޖުރާތުގައި ހަމަނުޖެހުންތައް ހިންގި ދުވަސްވަރު ޗީފް މިނިސްޓަރަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ. ގުޖުރާތުގެ ހަމަނުޖެހުންތައް ހިންގި މީހުންގެ މައްސަލަތައް ބެލުމަށް ސްޓޭޓުގެ ސަރުކާރުން ފަސްޖެހިފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.