އާއިލާގެ ނުގަބޫލުގައި ކައިވެނި ކުރުމުން ފިރިމީހާ އަށް ހަމަލާދީ މަރާލައިފި

ލާހޯރު (ޖޫން 18) - އާއިލާގެ ނުގަބޫލުގައި ކައިވެނިކޮށްގެން އުޅުނު ޕާކިސްތާނުގެ ފިރިހެނަކަށް އަންހެން ކުއްޖާގެ އާއިލާ އިން ހަމަލާދީ މަރާލައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ކައިވެނި ކުރަން ދެކޮޅު ހެދުމުންނާއި އާއިލާގެ ނުގަބޫލުގައި ކައިވެނި ކުރުމުން އާއިލާ މީހުންގެ ހަމަލާތަކުގައި އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކުރާ ކަމެކެވެ. ދާދި ފަހުން ވެސް ވަނީ މިފަދަ ގަތުލްތަކެއް ކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް ދެކޮޅު ހަދާ ފިރިހެނުންނަށް ހަމަލާދީ މެރުމަކީ މަދުން ހިނގާ ކަމެކެވެ.

އެންމެ ފަހުން މި ގަތުލް ހިންގާފައި ވަނީ ޕަންޖާބުގެ މާރުކޭޓެއްގަ އެވެ. އުމުރުން 43 އަހަރުގެ މުހައްމަދު އިރުޝާދަށް ހަމަލާދީފައި ވަނީ އަންހެން ކުއްޖާގެ ބައްޕަ އާއި އޭނާގެ ދެ ޅިޔަނުންނެވެ.

ފުލުހުން ބުނީ މުހައްމަދު އިރުޝާދު ނަމަކަށް ކިޔާ މީހާ ޕަންޖާބުގެ މުއްސަނދި މީހެއްގެ ދަރިއަކާ ކައިވެނި ކުރީ އަންހެން ކުއްޖާގެ އާއިލާގެ ނުގަބޫލުގަ އެވެ. އަދި އާއިލާ އިން ހަމަލާއެއް ދީފާނެތީ އެ ދެމަފިރިން ދިރިއުޅުނީ ވެސް މާ ދުރު ހިސާބެއްގައި ކަމަށް ފުލުހުން ބުންޏެވެ. މަރުގެ ހަމަލާދީފައި ވަނީ އަންހެން ކުއްޖާގެ އާއިލާ ދެކިލުމަށް އިރުޝާދު ދިއުމުން ކަމަށް ވެސް ބުންޏެވެ. އިރުޝާދަށް ހަމަލާ ދިން އޭނާގެ ޅިޔަލުން ފިލާފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

މިދިޔަ ހަފުތާގައި ވަނީ އާއިލާގެ ނުރުހުމުގައި ކައިވެނި ކުރި 16 އަހަރުގެ އަންހެން ކުއްޖަކަށް ލާހޯރުގައި ހަމަލާދީ މަރާލައިފަ އެވެ. އެ ކުއްޖާ އަށް ހަމަލާ ދިނުމުގައި އިސްކޮށް ހުރީ އޭނާގެ މަންމަ އެވެ. މީގެ ދެ ހަފުތާ ކުރިން ވެސް ޕާކިސްތާނުގައި ވަނީ ކައިވެންޏަކަށް ދެކޮޅު ހެދި 18 އަހަރުގެ ޓީޗަރެއް ގައިގައި އަލިފާން ރޯކޮށް މަރާލައިފަ އެވެ. މި އަމަލު ހިންގުމުގައި އިސްކޮށް ހުރީ މި ޓީޗަރު ކިޔަވައިދޭ ސްކޫލުގެ ބޮޑު މީހާ އެވެ.

އޭގެ ފަހުން ވަނީ އާއިލާގެ ނުރުހުމުގައި ކައިވެނި ކުރި ދެމަފިރިއަކު ލާހޯރުގައި މަރާލައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕަންޖާބުގެ އުތުރުން 75 މޭލު ދުރުގައި އޮންނަ ބުއްޓަރަންވަލީގައި އާއިލާއާ ދެކޮޅަށް ކައިވެނިކޮށްގެން އުޅުނު އަންހެނަކު މަރާލައިފަ އެވެ. އެ އަންހެން މީހާ މަރާލި އިރު ދެ ވަނަ ދަރިފުޅަށް ބަނޑުބޮޑެވެ. އާދިއްތަ ދުވަހު ވެސް ވަނީ އާއިލާ ނުރުހޭ މީހަކާ ކައިވެނި ކުރި އަންހެން ކުއްޖަކު އޭނާގެ ބޭބެ ހަމަލާދީ ޕަންޖާބުގައި މަރާލައިފަ އެވެ. --އޭއެފްޕީ