ދިއްލީގައި ރޭޕްކޮށް މަރާލި ކުއްޖާގެ ގާތިލުންގެ މަރުގެ އަދަބު ދަމަހައްޓައިފި

ދިއްލީ (މެއި 5) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮލެޖް ދަރިވަރަކު ރޭޕްކޮށް މަރާލި ހަތަރު މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.


އުމުރުން 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ރޭޕްކޮށް މަރާލީ ސިނަމާގައި ފިލްމެއް ބެލުމަށް ފަހު ބަހުގައި ގެއަށް ދަނިކޮށް ޑިސެމްބަރު 2012 ގަ އެވެ. އެ ދަރިވަރާ އެކު ބަހަށް އެރި ފިރިހެން ކުއްޖާ އަށް ވެސް ވަނީ ވަރަށް އަނިޔާކޮށްފަ އެވެ. އަންހެން ކުއްޖާ އަށް ދީފައިވާ އަނިޔާތަކަށް ސިންގަޕޫރުގައި ފަރުވާ ދެނިކޮށް 13 ދުވަސް ފަހުން ވަނީ މަރުވެފަ އެވެ.

ދަރިވަރު މަރާލި ހަތަރު މީހުންނަށް މަރުގެ ހުކުމް އިއްވީ ސެޕްޓެމްބަރު، 2013 ގަ އެވެ. ދިއްލީގެ ހައި ކޯޓުން އެ ހުކުމް ދަމަހައްޓާފައި ވަނީ މާޗް 2014 ގަ އެވެ. އެ މީހުންގެ އިސްތިއުނާފާ މެދު ސްޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ އެ ހަތަރު މީހުން ހިންގާފައި ވަނީ މުޅި ގައުމު ގުޑުވާލި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ހުކުމް އަލުން މުރާޖާކޮށް ދިނުމަށް އެދި އެ މީހުންނަށް އަދި އެއްފަހަރު ސްޕްރީމް ކޯޓަށް ހުށަހެޅިދާނެ އެވެ. އެ މީހުންނަށް އޮންނާނެ އެންމެ ފަހުގެ ފުރުސަތަކީ އަދަބުން ސަލާމަތްވޭތޯ ރައީސްގެ އެހީއަށް އެދުމެވެ.

ދިއްލީގެ ދަރިވަރުގެ ރޭޕަށް ފަހު އިންޑިއާގައި ވަރަށް ބޮޑަށް ވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ރޭޕްކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ދަރިވަރު ރޭޕްކޮށް މަރާލުމާ ގުޅިގެން ހަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭން އެކަކު ވަނީ ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ. އަނެއް ކުއްޖާ ހައްޔަރުކުރި އިރު 17 އަހަރުވެފައިވާތީ ތިން އަހަރު ކަރެކްޝަނަލް ސެންޓަރެއްގައި ބެހެއްޓުމަށް ފަހު 2015 ގައި ވަނީ ދޫކޮށްލައިފަ އެވެ.