ފްރާންސްގެ އިންތިޚާބު މެކޮން ކާމިޔާބު ކުރައްވައިފި

ޕެރިސް (މެއި 8) - ފްރާންސްގެ ރިޔާސީ އިންތިޚާބު އިމެނުއަލް މެކޮން ކާމިޔާބު ކުރައްވައިފި އެވެ.


ދެވަނަ ބުރުގެ ވޯޓުލުމުގައި ކަނާތު ފިޔައިގެ ނޭޝަނަލް ފްރަންޓް ޕާޓީގެ ކެނޑިޑޭޓް މެރިން ލެ ޕެންގެ މައްޗަށް މެކޮން ކާމިޔާބު ހޯއްދެވީ 66.06 ޕަސެންޓުންނެވެ. ލެ ޕެން އަށް ލިބިވަޑައިގެންނެވީ 33.94 ޕަސެންޓެވެ.

އުމުރުން 39 އަހަރުގެ މެކޮން ހިމެނިގެން ދާނީ ފްރާންސްގެ އެންމެ ޒުވާން ރައީސްގެ ގޮތުގަ އެވެ. އަދި މެކޮން އަކީ ފްރާންސްގެ މި ޒަމާނުގެ ޖުމްހޫރިއްޔަތު 1958 ވަނަ އަހަރު އުފެދުނު ފަހުން ބޮޑު ދެ ޕާޓީ ފިޔަވައި އެހެން ޕާޓީއަކުން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު މެކޮން ވިދާޅުވީ ފްރާންސްގެ ތާރީޚުގައި އާ ސަފުހާއެއް ހުޅުވިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ބޭނުން ވަނީ އުއްމީދާއި އިތުބާރުގެ ސަފުހާއެއް ހުޅުވާލަން ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ ސާފުވާން ފެށުމާ އެކު މެކޮންގެ ސަޕޯޓަރުން ވަނީ ޕެރިހުގެ މެދުތެރެއަށް ޖަމާވެ ފުޅާ ފާޅު ކުރަން ފަށައިފަ އެވެ. މެކޮން ވެސް ފަހުން ވަނީ ސަޕޯޓަރުންނާ ގުޅިވަޑައިގެންފަ އެވެ.

"މިރޭ ތިޔަ ބޭފުޅުން ވަނީ ކާމިޔާބު ހޯއްދަވާފައި. ކޮންމެ މީހަކު ވެސް ބުނަނީ އެކަމެއް ނުވާނޭ. އެކަމަކު އެ މީހުންނަކަށް ފްރާންސެއް ނޭނގޭ. އަޅުގަނޑުމެންނަކީ ބިރުގެ ކުރިމަތީގައި ފަހަތަށް ޖެހޭނެ ބައެއް ނޫން،" ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ މެކޮން ވިދާޅުވި އެވެ.

މެކޮން އަކީ ވިޔަފާރީގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ޔޫރަޕިއަން ޔޫނިއަންގެ ސަޕޯޓަރެކެވެ. ރައީސް ފްރާންސުވާ އޮލެންޑުގެ ސޯޝަލިސްޓް ޕާޓީން އޮގަސްޓް މަހު ވަކިވެވަޑައިގެން ވަނީ އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެމަނިކުފާނުގެ އެން މާޝް ޕާޓީ އަށް ޕާލަމެންޓުގެ އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެ އެވެ.