އަނބިކަނބަލުންގެ އުމުރު ދޮށިވުމާ ބެހޭ ގޮތުން ދައްކާ ވާހަކަ އަށް މެކޮން ރައްދު ދެއްވައިފި

ޕެރިސް (މެއި 12) - މާ ދޮށީ އުމުރުގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާތީ އަމާޒުވާ ފާޑު ކިޔުންތަކަށް ފްރާންސްގެ އާ ރައީސް އިމެނުއަލް މެކޮން ރައްދު ދެވައިފި އެވެ.


އެންމެ ޒުވާން ރައީސްގެ ގޮތުގައި 39 އަހަރުގައި ފްރާންސްގެ ވެރިކަން ހޯއްދެވި މެކޮން އަށް ވުރެ އަނބިކަނބަލުން 25 އަހަރު ދޮއްޓެވެ.

ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މެކޮން ވިދާޅުވީ 64 އަހަރުގެ އަންހެނަކާ ކައިވެނި ކޮށްގެން އުޅެނީ ލޯބިން ނޫން ކަމަށާއި އެއީ އޭނާގެ ނުކުޅެދުމެއް ކަމަށް ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް ކަމަށެވެ. އަދި އަނބިކަނބަލުންނަކީ އޭނާ އަށް ވުރެ 20-30 އަހަރު ހަގު މީހެއް ނަމަ އެއްވެސް މީހަކު އެ ވާހަކަ ނުދައްކާނެ ކަމަށް މެކޮން ވިދާޅުވި އެވެ. އަދި އެއީ މުޖްތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތުގެ މައްސަލައެއް ކަމަށް ވެސް މެކޮން ވިދާޅުވި އެވެ.

ފްރާންސްގެ ރައީސް މެކޮން އާއި އަނބިކަނބަލުން ބްރިގީތު. --ފޮޓޯ:އޭއެފްޕީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކާމިޔާބީ އަށް ފަހު މެކޮން ވިދާޅުވީ އޭނާ އެހާ ހިސާބަށް ވަޑައިގަތުމުގެ ފަަހަތުގައި ހުންނެވީ އަނބިކަނބަލުން ކަމަށެވެ.

މެކޮންގެ މިހާރުގެ އަނބިކަނބަލުން ބްރިބީތުއަކީ އޭނާގެ ކުރީގެ ޑްރާމާ ޓީޗަރެވެ. އޭރު މެކޮން އަށް 15 އަހަރެވެ. ދަރިވަރަކާއި ޓީޗަރެއްގެ ގުޅުމަށް ވުރެ ދެ ފަރާތް ގާތްވެ އެންމެ ފަހުން ބްރިގީތު ވަނީ އޭނާގެ ފިރިމީހާގެ ކައިރިން ވަރިވެފަ އެވެ. އޭރު ބްރިގީތަށް ވަނީ ތިން ކުދިން ވެސް ލިބިފަ އެވެ. އެ ކުދިންގެ އުމުރު ވެސް މެކޮން އަށް ވުރެ ދޮއްޓެވެ. މި ގުޅުން މެކޮންގެ މައިން ބަފައިންނަށް އެނގުމުން އެ މީހުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ.

ފްރާންސްގެ ރައީސް މެކޮންގެ އަނބިކަނބަލުން ބްރިގީތު.

މެކޮން އާއި ބްރިގީތު ކައިވެނި ކުރީ މީގެ 10 އަހަރު ކުރިން، 2007 ގަ އެވެ. އޭރު މެކޮން އަށް 30 އަހަރެވެ. ބްރިގީތަށް 54 އަހަރެވެ.