ރޭޕްކޮށްގެން ބަލިވެއިން 10 އަހަރުގެ ކުއްޖާގެ ދަރިވައްޓާލަނީ!

ނިއު ދިއްލީ (މެއި 16) - ދޮން ބައްޕަގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިން އިންޑިއާގެ 10 އަހަރުގެ ކުޑަ ކުއްޖާގެ ދަރިވައްޓާލުމާ މެދު ގޮތެއް ނިންމަން ޑޮކްޓަރުންގެ ޕެނަލަކުން ބައްދަލުކޮށްފި އެވެ.


އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓުގެ ޓައުނެއް ކަމަށްވާ ރޮހްޓަކުގެ ފުލުހުން ބުނީ ކުޑަ ކުއްޖާ އަށް އޭނާގެ ދޮން ބައްޕަ ވަނީ ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައި ކަމަށެވެ. އަދި ހަތަރު މަސް ދުވަސްތެރޭ އެ ކުއްޖާ ވިހާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ވަނީ އެ ކުއްޖާގެ ދޮން ބައްޕަ ހައްޔަރު ކުރުމަށް ފަހު ބޮޑު ތަހުގީގެއް ފަށައިފަ އެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. އެހެން ކަމުން އަންހެން ކުއްޖާގެ ފަރާތުން ވަނީ ދަރިވައްޓާލުމާ މެދު ކޯޓުން ގޮތެއް ނިންމައި ދިނުމަށް އެދިފަ އެވެ.

ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

ނަމަވެސް ފަހަކަށް އައިސް ވަނީ ރޭޕްކޮށްގެން ބަލިވެ އިންނަ މީހުންގެ ފަރާތުން 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމުގެ ހުއްދަ އަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަންތައް ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ ޑޮކްޓަރުންގެ ޚާއްސަ ޓީމެއްގެ ލަފާގެ މަތިންނެވެ.

ރޭޕްކުރި 10 އަހަރުގެ ކުއްޖާގެ މައްސަލާގައި ޕޯސްޓް-ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސްގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ ބައްދަލުކޮށްފަ އެވެ. ޑޮކްޓަރުންގެ ޓީމުގެ ރިޕޯޓް ހުށަހަޅާނީ ސުޕްރީމް ކޯޓަށެވެ. އެއަށް ފަހު ކުއްޖާގެ ދަރިވައްޓާލުމާ މެދު ކޯޓުން ގޮތެއް ނިންމާނެ އެވެ.

ދިހަ އަހަރުގެ ކުއްޖާ ބަނޑު ބޮޑުވި މައްސަލަ މިދިޔަ ހަފުތާގައި ފަޅާ އެރީ އެ ކުއްޖާގެ މަންމަ އަށް ޝައްކުވެގެން ޑޮކްޓަރަކަށް ދެއްކުމުންނެވެ. އެހެން ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ދޮން ބައްޕަ ޖިންސީ ގޯނާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ދޮން ބައްޕަ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ދޮން ބައްޕަ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.