ޗަައިނާގެ ހަނގުރާމަ މަތީ ޖެޓްތަކުން އެމެރިކާގެ މަތިންދާ ބޯޓަކަށް ހުރަސް އަޅައިފި

ވޮޝިންޓަން (މެއި 19) - އެމެރިކާގެ މަތިންދާ ބޯޓަކަށް ޗައިނާގެ ހަނގުރާމަ މަތީ ދެ ޖެޓަކުން ހުރަސް އަޅާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.


ޗައިނާގެ ސުކޮއި ސޫ-30 ގެ ޖެޓްތަކުން ހުރަސް އަޅާފައި ވަނީ އީސްޓް ޗައިނާ ކަނޑުގެ ސަރަހައްދުގެ މަތިން ދަތުރު ކުރި އެމެރިކާގެ ޑަބްލިއުސީ-135 ގެ ބޯޓަކަށެވެ. އެމެރިކާ އިން ބުނީ ޗައިނާގެ ޖެޓްތަކުން ވަނީ ބައިނަލްއަގުވާމީ ސަރަހައްދުގައި ވަނިކޮށް އެމެރިކާގެ ބޯޓާ 150 ފޫޓް (45 މީޓަރު) އާ ކައިރިކޮށްފައި ކަމަށެވެ. ޑިޕްލޮމެޓިކް އަދި އަސްކަރީ ޗެނަލްތައް މެދުވެރިކޮށް ޗައިނާ އަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެމެރިކާގެ އެއާ ފޯސް އިން ބުނެފައިވެ އެވެ.

އެމެރިކާގެ މަތިންދާ ބޯޓު އީސްޓް ޗައިނާ ކަނޑުގެ ސަރަހައްދުގައި ދަތުރުކޮށްފައި ވަނީ ނޯތު ކޮރެއާ އިން އެ ސަރަހައްދުގައި ނިއުކްލިއާ ޓެސްޓެއް ކޮށްފައިވާ ކަމުގެ އަސަރު ދެނެގަތުމަށް އެމެރިކާ އިން ބުނެފައިވެ އެވެ. އަދި ޗައިނާގެ ޖެޓްތަކުން ކުރި ނުރައްކާ އަމަލު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދެކުނު އަދި އިރުމަތީ ކަނޑުގެ މިލްކުވެރިކަމާ މެދު ޗައިނާ އިން އަބަދުވެސް ދައުވާ ކުރޭ.

ޚިޔާލު ތަފާތުވުން އުފެދިފައިވާ ސައުތު ޗައިނާ ކަނޑާއި އީސްޓް ޗައިނާ ކަނޑުގެ މިލްކުވެރިކަމާ ޗައިނާ އިން ދަނީ ދައުވާ ކުރަމުންނެވެ. އެކަމަކު ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ދަނީ އެ ދެ ކަނޑުގެ މިލްކުވެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ. ޗައިނާ އިން ދަނީ ސައުތު ޗައިނާ ކަނޑުގެ ބައެއް ފަޅުތައް ހިއްކާ އަސްކަރީ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ބައެއް ގައުމުތަކުން ތުހުމަތުކޮށްފައިވެ އެވެ.

އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކާއި ހަނގުރާމަ މަތީ މަނަވަރުތަކުގެ ފްލީޓެއް ސައުތު ޗައިނާ ކަނޑަށް ފެބްރުއަރީ މަހު ވަނުމުން ޗައިނާ އިން ވަނީ އެ ގައުމުގެ މިނިވަން ކަމަށް ނުކުޅުމަށް އެމެރިކާ އަށް އިންޒާރު ދީފަ އެވެ. އަދި މިދިޔަ އަހަރު މެއި މަހު ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރި އެމެރިކާގެ މަތިންދާ ބޯޓަކަށް ޗައިނާގެ ޖެޓްތަކުން ވަނީ ހުރަސް އަޅައިފަ އެވެ.