ގުދުސް އަބަދުވެސް އޮންނާނީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި: ނަތަންޔާހޫ

ތެލް އަވީވް (މެއި 22) - ގުދުސް އަބަދުވެސް އޮންނާނީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލަށް މިއަދު ވަޑައިގަތުމުގެ ކުރިން ނަތަންޔާހޫ ރޭ ވިދާޅުވީ އެންމެ ސާފު ބަހުން ދުނިޔެ އަށް ހާމަކޮށްދޭން ބޭނުން ވަނީ ގުދުސް އަކީ ކުރިން ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އިޒްރޭލުގެ ވެރިރަށް ކަމަށެވެ.

"ޓެމްޕަލް މައުންޓް އާއި ވެސްޓަން ވޯލް އަބަދުވެސް އޮންނާނީ އިޒްރޭލުގެ ހިމާޔަތުގެ ދަށުގައި،" އިޒްރޭލް-އަރަބި ހަނގުރާމަ އަށް 50 އަހަރު ފުރުން ފާހަގަ ކުރަން ގުދުސްގައި ބޭއްވި ރަސްމިއްޔާތުގައި ނަތަންޔާހޫ ވިދާޅުވި އެވެ.

އިރުމަތީ ގުދުސް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރުގެ އަރަބި-އިޒްރޭލް ހަނގުރާމައިގަ އެވެ. އޭގެ ފަހުން ވަނީ އެއީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ އަލް އަގްސާ މިސްކިތް ހުންނަ ގުދުސް އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައެއް ނުވެ އެވެ.

މެދުއިރުމައްޗަށް ސުލްހަ ހޯދުމާ ގުޅިފައިވާ އެންމެ މުހިންމު މައްސަލަ އަކީ ވެސް ގުދުސްގެ ކުރިމަގެވެ. އިޒްރޭލުން ވެސް އަދި ފަލަސްތީނުން ވެސް ބޭނުން ވަނީ ވެރިރަށަކީ ގުދުސް ކަމަށް ހެދުމަށެވެ.