ޓްރަމްޕުގެ ގުދުސް ދަތުރުފުުގައި ހުރިހާ ހަމަލާއެއް އީރާނަށް

ގުދުސް (މެއި 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި މެދުއިރުމަތީގެ ސުލްހަ ހޯދާނެ ގޮތްތަކުގެ ވާހަކަތަކަށް ވުރެ ބޮޑަށް އެ ފުރުސަތުގެ ބޭނުން ހިއްޕެވީ އީރާނަށް ބަހުގެ ހަމަލާތައް ދެއްވުމަށެވެ.


ތެލް އަވީވަށް ވަޑައިގެން ޓްރަމްޕް ގުދުސް އަށް ދަތުރު ކުރެއްވީ ހެލިކޮޕްޓަރުގަ އެވެ. އެއަށް ފަހު އިޒްރޭލުގެ ރައީސް ރެއުވެން ރިލްވިންސްގެ އޮފީހަށް ވަޑައިގެން ވަނީ އީރާނަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.

"އެމެރިކާ އާއި އިޒްރޭލުން އެއް އަޑަކުން ގޮވާލަން ބޭނުން ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ފުރުސަތެއް ނުދޭނަމޭ. އެއީ ވާނެ ކަމެއް ނޫން. އަދި ޓެރަރިސްޓުންނަށް އީރާނުން ފަންޑު ދިނުމާއި ޓެރަރިސްޓުން ޓްރޭން ކުރުން ހުއްޓުވާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި އީރާނަށް ރަނގަޅު ނިއުކްލިއާ އެއްބަސްވުމެއް ލިބުނު ކަމަށާއި އެކަމަކު އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި އީރާނުން އިސްކުރީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގުދުސްގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އިސްލާމީ ގައުމުތަކުގެ ވެރިންނާ އެކު ސައުދީ އަރަބިއާގައި ބޭއްވި ސަމިޓުގައި ވެސް ޓްރަމްޕް ވަނީ އީރާން އެކެހެރި ކުރުމަށް ގޮވާލައްވައިފަ އެވެ.

ޓްރަމްޕުގެ ދަތުރުފުޅާ ދިމާކޮށް އިޒްރޭލުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ޓްރަމްޕުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަނީ 10،000 ފުލުސް އޮފިސަރުން ނެރެފަ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހަ އަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ އެމަނިކުފާނަށް އެނގިފައިވާ ގޮތުގައި އެއީ ގާއިމް ކުރަން އެންމެ އުނދަގޫ އެއްބަސްވުން ކަމަށެވެ. އެކަމަކު އެ އުނދަގޫ އެއްބަސްވުން ގާއިމް ކުރެވޭނެ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިޒްރޭލާއި ފަލަސްތީނުން ސުލްހައިގެ މަޝްވަރާތައް ބާއްވާފައި ނުވާތާ ތިން އަހަރު ވެއްޖެ އެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައިތުލަހަމްގައި ޓްރަމްޕް މިއަދު ބައްދަލު ކުރައްވާނެ އެވެ.