އިނގިރޭސި ވިލާތް އީޔޫ އިން ބޭރުވާން އިޒްރޭލް ބޭނުން ވަނީ ކީއްވެ؟

ގުދުސް (ޖޫން 20) - އިނގިރޭސި ވިލާތް އީޔޫ އިން ބޭރުވުމަށް އިޒްރޭލުގެ ގްރޫޕްތަކުން ކެމްޕޭން ފަށައިފި އެވެ.


ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ބުނީ އިނގިރޭސި ވިލާތް އީޔޫ އިން ބޭރުވާން އެ މީހުން ބޭނުން ވަނީ އެ ގައުމަށް އަދަބެއް ދިނުމަށް ކަމަށެވެ. އެއީ އިނގިރޭސި ވިލާތުން ފަލަސްތީނާ އެއްކޮޅަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ބޭރުވުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރަމުން ދަނީ ރެގަވިމް ކިޔާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ކަނާތު ފިޔައިގެ ޖަމާއަތަކުންނެވެ. މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އެޅުމަށް އެންމެ ބޮޑަށް ބާރު އަޅަމުންދާ ޖަމާއަތް ވެސް މެ އެވެ. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އާބާދީތައް ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާ ކަމެއް ނަމަވެސް އަދި އެއީ ސުލްހަ އަށް އެންމެ ބޮޑަށް ހުރަސްއަޅާ ކަންތައް ކަމަށް ވިޔަސް އެ ޖަމާއަތުން އެކަން ގަބޫލެއް ނުކުރެ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިނުވުމަށް ތާއީދު ކުރާ ފަރާތްތަކުން ކެމްޕޭން ކުރަނީ. --ފޮޓޯ:އޭއެފްޕީ

އެ ޖަމާއަތުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ މާސްކް އަޅާފައިވާ ހަނގުރާމަވެރިއަކު އިނގިރޭސިންގެ ގާތުގައި އީޔޫ އިން ވަކި ނުވެ ތިބުމަށް އެދޭ މޮކް ވީޑިއޯއެއް ހަދައިފަ އެވެ. އެންޖީއޯގެ ޕޮލިސީ ޑިރެކްޓަރު ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް އީޔޫ އިން ވަންނަމުންދާތީ އެ ޖަމާއަތަށް ވެސް "އަދަބެއް" ދޭން ބޭނުންވާ ކަމަށެވެ.

ހުޅަނގު އައްސޭރީގެ 60 ޕަސެންޓް މިހާރު ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނަށް އިމާރާތް ކުރުމަށް ވެސް އިޒްރޭލުން ވަނީ ދަތިތައް ކުރިމަތި ކުރުވައިފަ އެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުން އިމާރާތްތައް ހެދުމަށް އީޔޫ އިން ވަނީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ނަމަވެސް އީޔޫގެ އެހީގައި ހަދާ އިމާރާތްތައް އިޒްރޭލުން ދަނީ ތަޅާ ސުންނާފަތި ކުރަމުންނެވެ. މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނަށް އީޔޫ އިން ދަނީ ފައިސާގެ ގޮތުން ވެސް އެހީވަމުންނެވެ.