ތޫފާނުގައި ގެއްލުނު 81 މަސްވެރިން ހޯދަނީ

ޑާކާ (ޖޫން 1) - ބަންގްލަދޭޝް އަށް ކުރިމަތިވި ބާރުގަދަ ތޫފާން މޯރާގައި ކަނޑުމައްޗަށް ގެއްލުނު 81 މަސްވެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ކަނޑުގެ ސިފައިން ފަށައިފި އެވެ.


ތޫފާނުގައި ހާލުގައި ޖެހިފައި ވަނިކޮށް ބޭ އޮފް ބެންގާލުން ވަނީ 63 މީހުން ސަލާމަތްކޮށްފަ އެވެ. ކޮކްސް ބާޒާރު މާޗަންޓައިޒްޑް ފިޝިން ބޯޓް އެސޯސިއޭޝަނުން ބުނީ ގެއްލިފައިވާ 144 މަސްވެރިންގެ ތެރޭން 33 މީހުން ސަލާމަތްކުރީ ބަންގްލަދޭޝްގެ ކަނޑުގެ ސިފައިން ކަމަށެވެ. އަދި އިންޑިއާގެ ކަނޑުގެ ސިފައިން ވެސް 30 މަސްވެރިން ސަލާމަތް ކުރި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"މަސްވެރިން ސަލާމަތްކުރި ނަމަވެސް އެ މީހުން ބޭނުންކުރި ބޯޓުތައް ވަނީ ހަލާކުވެފައި. ގެއްލިފައިވާ މަސްވެރިން ހޯދުމަށް ވައިގެ މަގުން ވެސް ދަނީ މަސައްކަތް ކުރަމުން. އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރަން،" ފިޝިން ބޯޓް އެސޯސިއޭޝަނުގެ ރައީސް މުސްތާގު އަހުމަދު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ދެކުނުގެ ހިސާބުތަކާއި ކޮކްސް ބާޒާރަށް ތޫފާން މޯރާ ލައްވާލި އިރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 135 ކިލޯމީޓަރު (85 މޭލު) ގެ ބާރު މިނުގަ އެވެ. ކޮކްސް ބާޒާރާއި ޗިޓަގޮން އިން ވަނީ 350،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ތޫފާން މޯރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ މިއަންމާ އިން ހިޖުރަކޮށް ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށެވެ. އެ މީހުން ދިރިއުޅެމުން ދިޔަ އެތައް ހާސް ޖިފުޓިއެއް ވަނީ ބިމާ ހަމަވެފަ އެވެ.