އިޒްރޭލުގެ ލުޔާ އެކު ފަލަސްތީނުގެ އެއް ލައްކަ މީހުން އަގްސާ އަށް

ގުދުސް (ޖޫން 3) - ރޯދަ މަހާ ދިމާކޮށް އިޒްރޭލުން ދިން ލުޔާ އެކު ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގައި ފަލަސްތީނުގެ ލައްކައަކަށް ވުރެ ގިނަ މީހުން އިއްޔެ ހުކުރު ނަމާދުކޮށްފި އެވެ.


މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ހަރަމްފުޅުގައި ނަމާދު ކުރުމަށް ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުގެ ޗެކް ޕޮއިންޓްތަކުގައި ކިޔޫ ހަދައިފަ އެވެ. ހުޅަނގު އައްސޭރިން އިރުމަތީ ގުދުސް އަށް ވަދެވޭނީ އިޒްރޭލުން ފާސްކުރުމުންނެވެ.

ގިނަ ބަޔަކު ގުދުސް އަށް ވަނުމުން އިޒްރޭލުން ވަނީ އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ރޯދަ މަހާ ގުޅިގެން އިޒްރޭލުން ވަނީ ހުކުރު ނަމާދަށް ހުޅަނގު އައްސޭރިން ހުރިހާ އުމުރެއްގެ އަންހެނުންނާއި 40 އަހަރުން މަތީގެ ފިރިހެނުން ގުދުސް އަށް ވަނުމުގެ ހުއްދަ ދީފަ އެވެ. އަދި ގާޒާ އިން ވަނީ 100 ފިރިހެނުންނާއި 55 އަހަރުން މަތީގެ އަންހެނުން ގުދުސް އަށް ވަނުމަށް ވަނީ ހުއްދަ ދީފަ އެވެ.

ހުޅަނގު އައްސޭރީގެ ނާބްލްސް އިން ގުދުސް އަށް ދިއުމަށް ކިޔޫގައި ހުރި 61 އަހަރުގެ އަބްދުލް ޖަވާދު ނައްޖާރު ބުނީ ކިތަންމެ އުނދަގުލަކުން ނަމަވެސް އަގްސާގައި ނަމާދު ކޮށްލުމަކީ އޭނާގެ ދީނީ ވާޖިބެއް ކަމަށެވެ.