އަހަރުގެ އިސްލާމީ ޝަހުސިއްޔަތުގެ މަގާމަށް ސަލްމާން ރަސްގެފާން

ދުބާއީ (ޖޫން 4) - އަހަރުގެ އިސްލާމީ ޝަޚުސިއްޔަތުގެ މަގާމަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ހޮވައިފި އެވެ.


އަހަރުގެ އިސްލާމީ ޝަޚުސިއްޔަތު ހޮވީ ދުބާއީ އިންޓަނޭޝަނަލް ހޮލީ ގުރުއާން އެވޯޑުގެ ފަރާތުންނެވެ. ސަލްމާން އެ މަގާމަށް ހޮވިކަން އިއުލާންކޮށްފައި ވަނީ ދުބާއީ ސަރުކާރުން ސްޕޮންސާކޮށްގެން ބާއްވާ 21 ވަނަ ގުރުއާން މުބާރާތް ފެށުމުގެ ކުރިންނެވެ.

ގުރުއާން މުބާރާތުގެ އޮގަނައިޒިން ކޮމިޓީގެ ޗެއާމަން އިބްރާހިމް ބޫ މެލްހާ ވިދާޅުވީ ސަލްމާނަށް އެވޯޑް ދޭން ނިންމީ އިސްލާމް ދީނަށާއި މުސްލިމުންނަށް އަދި މިސްކިތްތަކަށް ކޮށްދެއްވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

"ސަލްމާން ރަސްގެފާނަކީ އިސްލާމީ އުއްމަތް ފަޚުރުވެރިވާ ފަދަ ޝަޚުސިއްޔަތެއް. އަރަބި އަދި އިސްލާމީ ދުނިޔެ އެކަތިގަނޑަކަށް ހެދުމަށް ސަލްމާން ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން،" އިބްރާހިމް ވިދާޅުވި އެވެ. "ސަލްމާން ރަސްގެފާނުގެ އިންސާނީ އެހީގެ އަގު ނުކުރެވޭ. އިސްލާމީ ހުރިހާ ގައުމަކަށް ވެސް ސަލްމާން ގެންދަވަނީ އެހީވަމުން."