ސިޔާސީ ގުޅުން ކަނޑާލި ގައުމުތަކަށް ގަތަރުގެ ފާޑުކިޔުން

ދޯހާ (ޖޫން 5) - ގަލްފުގެ ތިން ގައުމަކުން ސިޔާސީ ގުޅުން ކަނޑާލުމުން ގަތަރުން އެ ގައުމުތަކަށް ފާޑު ކިޔައިފި އެވެ.


ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހުރޭނުން ވަނީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އަދި މިސްރާއި ޔަމަނުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލީ ނާއިންސާފުން ކަމަށާއި ބޭނުމަކީ އެ ގައުމުތަކުގެ ކޮންޓްރޯލް ގަތަރުގެ މައްޗަށް ހިންގުން ކަމަށެވެ.

"ގަތަރާ ގުޅުން ކަނޑާލީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކަކަށް ބިނާކޮށް. މަގްސަދު ވަރަށް ސާފު. އެ ގައުމުތަކުން ގަތަރުގެ މައްޗަށް ނުފޫޒު ހިންގުން. އެކަމަކު އެއީ ގަތަރުގެ އިސްތިގްލާލަށް ހުރަސް އެޅުން،" ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރުން ބުނީ އެއްގަމާއި ވައި އަދި ކަނޑުމަގުން ގަތަރާ ގުޅުން ކަނޑާލުމަކީ ގަތަރުގެ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް އެކަމުން އަސަރު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ގަތަރުގެ އިގްތިސާދަށާއި މުޖްތަމައަށް ގެއްލުންދޭން ކުރި ކަންތަކުގެ ދިފާއުގައި ގަތަރުން ވެސް ފިޔަވަޅުތައް އަޅަމުން ގެންދާނަން،" ބަޔާނުގައި ބުނެފައިވެ އެވެ.

އެއްގަމު މަގުން ގަތަރު ވަނީ ސައުދީ އަރަބިއާއާ ގުޅިފަ އެވެ. އެ ގައުމާ ދެން އެންމެ ކައިރީގައި ވަނީ ބަހުރޭނާއި ޔޫއޭއީ އެވެ.