ނޯތު ކޮރެއާ އިން ދޫކޮށްލި އެމެރިކާގެ ދަރިވަރު އޮތީ ކޯމާއެއްގައި

އޮހާޔޯ (ޖޫން 14) - ނޯތު ކޮރެއާ އިން ހައްޔަރުކޮށްގެން ގެންގުޅުނު އެމެރިކާގެ ދަރިވަރު އޮޓޯ ވާމްބިއާ މިނިވަންކުރި އިރު އޭނާ އޮތީ އަހަރެއްހާ ދުވަހު ކޯމާއެއްގައި ކަމަށް އާއިލާ އިން ބުނެފި އެވެ.


އުމުރުން 22 އަހަރުގެ ދަރިވަރު އިއްޔެ ވަނީ އޮހާޔޯ އަށް ގެންގޮސްފަ އެވެ. ވާމްބިއާގެ އާއިލާ އިން އެމެރިކާގެ މީޑިއާތަކަށް ބުނީ މާޗް 2016 ގައި ބޭއްވި ޝަރީއަތަށް ފަހު ވާމްބިއާ ކޯމާއެއްގައި އޮތްކަން އާއިލާ އަށް އެނގުނީ މިދިޔަ ހަފުތާގައި ކަމަށެވެ. އޮހާޔޯ އެއާޕޯޓަށް ބޭލުމާ އެކު ވާމްބިއާ ވަނީ ސިންސިނާޓީ މެޑިކަލް ސެންޓަރަށް ގެންގޮސްފަ އެވެ. ވާމްބިއާގެ މައިންބަފައިން ސީއެންއެން އަށް މެއި މަހު ބުނީ އެ މީހުންގެ ދަރިފުޅުގެ ޚަބަރެއް ނުވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ބުރަ މަސައްކަތާ އެކު ވާމްބިއާ 15 އަހަރަށް ޖަލަށްލީ ނޯތު ކޮރެއާގެ ހޮޓަލަކުން ބައެއް އެއްޗެހި ގެންދަން އުޅުނު ކަމަށް ބުނެ އެވެ. ވާމްބިއާ އަކީ ޔުނިވާސިޓީ އޮފް ވާޖީނިއާގެ އިކޮނޮމިކްސް ދަރިވަރެކެވެ. އޭނާ ނޯތު ކޮރެއާ އަށް ދިޔައީ ޔަންގު ޕައިނިއާ ޓުއާސްގައި ޓޫރިސްޓް ވިސާގަ އެވެ. ވާމްބިއާ ހައްޔަރު ކުރީ ޖެނުއަރީ 2، 2016 ގަ އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ މީޑިއާތަކަށް އަރާ ގިސްލަމުން ކުށަށް އިއުތިރާފްވެފަ އެވެ. އަދި ކޮރެއާ މީހުންގެ އެތިކްސްއާ ޚިލާފުވި ކަމަށް ވަނީ ބުނެފަ އެވެ. މާޗް 16 ވަނަ ދުވަހު ބޭއްވި ކުރު ޝަރީއަތަކަށް ފަހު ވާމްބިއާ އަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ވާމްބިއާގެ މަންމަ އާއި ބައްޕަ އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާޗް 2016 އިން ފެށިގެން އެ މީހުންގެ ދަރިފުޅު އޮތީ ކޯމާއެއްގައި ކަމަށެވެ. އަދި އެކަން އެ މީހުންނަށް އެނގުނީ މިދިޔަ ހަފުތާގައި ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ އިތުރު ތިން މީހަކު އަދިވެސް ނޯތު ކޮރެއާ އިން ވަނީ ބަންދުކޮށްފަ އެވެ.

ވާމްބިއާ ދޫކޮށްލި އިރު އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ޑެނިސް ރޮޑްމަން ވަނީ ނޯތު ކޮރެއާ އަށް ގޮހެވެ. ރޮޑްމަން އަކީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ރަހުމަތްތެރިއެކެވެ. ރޮޑްމަން މީގެ ކުރިން ވެސް ވަނީ އެތައް ފަހަރަކު ނޯތު ކޮރެއާ އަށް ޒިޔާރަތްކޮށްފަ އެވެ. ނޯތު ކޮރެއާގައި ތިބި އެމެރިކާ މީހުން ދޫކޮށްލުމާ ބެހޭ ގޮތުން ރޮޑްމަން މަޝްވަރާ ކުރާނެ ކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް އޭނާ ބުނީ ދަތުރުގެ ބޭނުމަކީ ނޯތު ކޮރެއާ އަށް ކުޅިވަރު ތައާރަފް ކުރެވިދާނެތޯ ބެލުން ކަމަށެވެ.