އެމެރިކާގެ ދަރިވަރުގެ ސިކުނޑިއަށް ވަނީ ނޯތު ކޮރެއާގެ ޖަލުގައި ގެއްލުންދީފައި

އޮހާޔޯ (ޖޫން 16) - ނޯތު ކޮރެއާގެ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި އެމެރިކާގެ ޔުނިވާސިޓީ ދަރިވަރުގެ ސިކުނޑި އަށް ޖަލުގައި ބޮޑެތި ގެއްލުންތަކެއްދީފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.


އުމުރުން 22 އަހަރުގެ ވާމްބިއާގެ އާއިލާ އިން އެމެރިކާގެ މީޑިއާތަކަށް ބުނީ މާޗް 2016 ގައި ބޭއްވި ޝަރީއަތަށް ފަހު ވާމްބިއާ ކޯމާއެއްގައި އޮތްކަން އާއިލާ އަށް އެނގުނީ މިދިޔަ ހަފުތާގައި ކަމަށެވެ. އޭނާ އަށް މިހާރު ދަނީ ސިންސިނާޓީ މެޑިކަލް ސެންޓަރުގައި ފަރުވާ ދެމުންނެވެ.

މެޑިކަލް ސެންޓަރުގެ އިންޓެންސިވް ކެއާ ޔުނިޓުގެ މެޑިކަލް ޑިރެކްޓަރު ޑރ. ޑެނިއަލް ކާންޓާ ވިދާޅުވީ ވާމްބިއާ އޮތީ އޭނާ އަށް ދައްކާ ވާހަކަ ފަހުން ނުވާ، ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގޭ ފަދަ ހާލަތެއްގައި ކަމަށެވެ. ނަމަވެސް އޭނާ އަށް އަމިއްލަ އަށް ނޭވާ ލެވޭ ކަމަށާއި ބައެއް ފަހަރު ލޯހުޅުވާލާ ކަމަށެވެ. އަދި އޭނާގެ ސިކުނޑީގެ ހުރިހާ ހިސާބަކުން ވެސް ޓިޝޫތައް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޑޮކްޓަރުން ލަފާކުރަނީ އޮކްސިޖަން ނުދީ ވާމްބިއާގެ ނޭވާ ހުއްޓުވާލާފައިވާ ކަމަށެވެ. އެކަމަކު ހަގީގީ ސަބަބެއް އަދި ނޭނގެ އެވެ.

ނޯތު ކޮރެއާ އިން އިއްޔެ ބުނެފައި ވަނީ އެމެރިކާގެ ދަރިވަރު އޮޓޯ ވާމްބިއާ މިނިވަންކުރީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. ނޯތު ކޮރެއާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ބުރަ މަސައްކަތާ އެކު 15 އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ މާޗު މަހު އިއްވުމާ އެކު ވާމްބިއާ ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. އަދި އޭނާ ބަލިވުމުން ނިދާ ބޭސް ދިނުމަށް ފަހު ދޫކޮށްލުމާ ހަމައަށް ބޭއްވީ ނިންދަވާފައި ކަމަށް ނޯތު ކޮރެއާ އިން ބުންޏެވެ.

ވާމްބިއާގެ މައިންބަފައިންނާ ހަވާލާދީ އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ވާމްބިއާ އަށް ޖަލުގައި ބޮޓުލިޒަމް ޖެހިފައިވާ ކަމަށެވެ. އެމެރިކާގެ ޑޮކްޓަރުން ބުނެފައި ވަނީ ނުސާފު ކާނާ އާއި ހަށިގަނޑުގައިވާ ސީރިއަސް ޒަޚަމްތަކެއްގެ ސަބަބުން ޖެހޭ ބޮޓުލިޒަމްގެ އަސަރެއް ވާމްބިއާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ.

އެމެރިކާގެ ދަރިވަރު ނޯތު ކޮރެއާ އިން ގެންދިއުމަށްޓަކައި ނޯތު ކޮރެއާ އަށް ކަނޑައަޅާފައި ހުންނަ ޚާއްސަ މަންދޫބު ޖޯސެފް ޔުން ވަނީ މެޑިކަލް ޓީމަކާ އެކު ޕިއޮންޔޮން އަށް ދަތުރުކޮށްފަ އެވެ.

ބުރަ މަސައްކަތާ އެކު ވާމްބިއާ 15 އަހަރަށް ޖަލަށްލީ ނޯތު ކޮރެއާގެ ހޮޓަލަކުން ބައެއް އެއްޗެހި ގެންދަން އުޅުނު ކަމަށް ބުނެ އެވެ. ވާމްބިއާ އަކީ ޔުނިވާސިޓީ އޮފް ވާޖީނިއާގެ އިކޮނޮމިކްސް ދަރިވަރެކެވެ. އޭނާ ނޯތު ކޮރެއާ އަށް ދިޔައީ ޔަންގު ޕައިނިއާ ޓުއާސްގައި ޓޫރިސްޓް ވިސާގަ އެވެ. ވާމްބިއާ ހައްޔަރު ކުރީ ޖެނުއަރީ 2، 2016 ގަ އެވެ. އޭގެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ މީޑިއާތަކަށް އަރާ ގިސްލަމުން ކުށަށް އިއުތިރާފްވެފަ އެވެ. އަދި ކޮރެއާ މީހުންގެ އެތިކްސްއާ ޚިލާފުވި ކަމަށް ވަނީ ބުނެފަ އެވެ. މާޗް 16 ވަނަ ދުވަހު ބޭއްވި ކުރު ޝަރީއަތަކަށް ފަހު ވާމްބިއާ އަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.