ރޯދަ މަހު މިހާތަނަށް 5.7 މިލިއަން މީހުން އުމްރާކޮށްފި

މައްކާ (ޖޫން 16) - މި އަހަރުގެ ރޯދަ މަސް ފެށުނު ފަހުން މިހާތަނަށް 5.7 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ޕާސްޕޯޓް ޑިޕާޓްމަންޓުން ބުނެފި އެވެ.


މީގެ ތެރޭން 5.2 މިލިއަން މީހުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އުމްރާގެ އަޅުކަމަށް އެއްގަމާއި ވައިގެ މަގުން އަދި ކަނޑު މަގުން ވެސް މީހުން ވަނީ މައްކާ އަށް ގޮހެވެ. އަދި އުމްރާވެރިންނަށް އިމްތިޒާމްތައް ފުރިހަމަ ކުރަން ސައުދީގެ ޕާސްޕޯޓް ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. އުމްރާ އަށް އަންނަ މީހުންނަށް އިންތިޒާމްތައް ފަސޭހަ ކުރުމަށް ޖިއްދާ އެއާޕޯޓުގައި 148 ކައުންޓަރު ގާއިމްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހައްޖު އެންޑް އުމްރާ އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް ޚާލިދު އަލް ޖިއައިދު ވިދާޅުވީ ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން އަމިއްލަފުޅަށް ކަންކަން ބައްލަވާފައިވާ ކަމަށެވެ.