ވަރުގަދަ ތެޅުވުމެއްގައި ޗައިނާގެ މަތިންދާބޯޓަކުން އެތައް ބަޔަކު ޒަހަމްވެއްޖެ

ޕެރިހުން ފުރައިގެން ޗައިނާ އަށް ދަތުރުކުރި ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާބޯޓަކަށް ވަރުގަދަ ތެޅުވުންގަނޑެއް ކުރިމަތިވެ، އެތައް ބަޔަކަށް ބޮޑެތި ޒަހަމްތަކެއް އިއްޔެ ލިބިއްޖެ އެވެ.


މި ނުރައްކާތެރި ތެޅުވުންގަނޑުގެ ތެރެއަށް ވަދެވުނީ ދެކުނު ޔުނާން ޕްރޮވިންސްގެ ކުންމިން އަށް ދަތުރުކުރި ފްލައިޓް އެމްޔޫ774 އަށެވެ.

ޗައިނާގެ ގައުމީ ނިއުސް އެޖެންސީ ޒިންހުއާ އިން ބުނީ ބައެއް ދަތުރުވެރިންގެ ތަންތަން ބިނދުމާއި ބޯ ފެޅުން ފަދަ ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

"އަހަންނަށް ހީވީ ދެން ސަލާމަތް ވެސް ނުވާނެހެން،" އެއް ދަތުރުވެރިޔަކު، ޗައިނާގެ ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.

"އެތައް ބަޔަކު ޒަހަމްވި، އޭގެ ތެރެއިން ގިނަ މީހުން ތިބީ ބެލްޓް ނާޅާ."

އީސްޓަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޯޓު ތިރިކުރާ އިރު ބެލްޓް އަޅައިގެން ތިބުން ވަރަށް މުހިންމެވެ.

މި ތެޅުންގަނޑު 10 ވަރަކަށް މިނިޓަށް ދެމިގެން ދިޔަ އެވެ. އޭގެ ތެރޭގައި އާދަޔާ ޚިލާފު ބޮޑަށް ދެ ބުރަކަށް ތެޅިގަތް ކަމަށްވެ އެވެ.

ބޮލަށާއި ކޮނޑަށް ގެއްލުން ލިބުނު ދަތުރުވެރިންގެ ގައި މައްޗަށް ފޮށިތައް ފައިބައި ގަތީ ކަމަށް، ޒިންހުއާ އިން ބުނެ އެވެ. ފޮށިތައް ލާ ބައެއް ބައިތައް، މި ތެޅުވުންގަނޑުގައި ހަލާކުވި ކަމަށް ވެސް މީޑިއާ އިން ބުނެފައިވެ އެވެ.

އެއާލައިނުން ބުނި ގޮތުގައި އިތުރު އެއްވެސް މައްސަލައެއް ދިމާނުވެ މަތިންދާބޯޓު ސަލާމަތުން ޖެއްސި އެވެ.

މީގެ ހަފުތާއެއް ކުރިން ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާބޯޓެއް ނައްޓާލި ފަހުން އިންޖީނު އިންނަ ދިމާލުން ތަންގަނޑެއް ނައްޓައިގެން ދިއުމުން އިމަޖެންސީގައި ވަނީ ޖައްސައިފަ އެވެ.