ގަތަރުން ޓެރަރިޒަމަށް ވާގިވެރި ވޭތަ؟

ގަތަރަކީ ކުވައިތު މިނިވަން ކުރުމަށް އެމެރިކާ އިން 1991 ގައި ފެށި ހަނގުރާމައިގެ މުހިންމު ބައިވެރިއެކެވެ. އަދި ސެޕްޓެމްބަރު 11، 2001ގައި އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައިގައި ވެސް ގަތަރަކީ އެމެރިކާގެ މުހިންމު ބައިވެރިއެކެވެ. އަދި އިރާގުގައި އޮތް ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމަށް 2003 ވަނަ އަހަރު އެމެރިކާ އިން ފެށި ހަނގުރާމައިގައި ވެސް ގަތަރަކީ މުހިންމު ބައިވެރިއެކެވެ.


އޭގެ އިތުރުން މެދުއިރުމަތީގެ އަރަބި ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވެސް ގަތަރުގެ ދައުރު ވަރަށް ބޮޑެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ކުރާ ހަނގުރާމަ އަށް މަދަދު ފޯރުވުމަށް އެކުލަވައިލި އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގައި ގަތަރު ބައިވެރިވެ އެވެ. ވަކިވެގަތުމަށް މަސައްކަތް ކުރާ ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަރަބި ގައުލުތަކުން އެކުލަވައިލި ލަޝްކަރުގައި ވެސް ގަތަރުގެ ދައުރު ބޮޑެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މިފަދަ ބޮޑެތި މަސައްކަތްތަކެއްގެ މުހިންމު ބައިވެރިއަކު ޓެރަރިޒަމަށް ވާގިވެރިވާނެ ކަމަށް ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަރަބި-އިސްލާމީ ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މުހިންމު ބައިވެރިއަކު ޓެރަރިޒަމަށް ވާގިވެރިވާނެ ކަމަށް ގަބޫލު ކުރެވޭނެ ހެއްޔެވެ؟

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް (ކ) މިދިޔަ އަހަރު ޖިއްދާގައި ގަތަރުގެ އަމީރު ތަމީމްއާ ބައްދަލު ކުރައްވަނީ. ފޮޓޯ އަލްއަރަބިއްޔާ

ނަމަވެސް މާ ދުރު ނޫން މާޒީ އަށް ބަލާއިރު، ގަތަރުގެ ވެރިކަން ކުރާ އާލް ޘާނީ ޢާއިލާ އާއި އަލްޤާޢިދާއާ ޒަމާންވީ ގުޅުންތަކެއް އޮންނަ ކަމީ މުޅި ދުނިޔެ ދަންނަ ބޮޑު ސިއްރެކެވެ. އަލްގާއިދާގެ އެންމެ ބާރު ގަދަ ދުވަސްވަރު، އަދި އަލްގާއިދާއާ ދެކޮޅަށް އެމެރިކާ އިން އެންމެ ވަރުގަދަ އަށް ހަނގުރާމަ ކުރި ދުވަސްވަރު އެ ޖަމާއަތަށް ފައިސާގެ އެހީ ފޯރުކޮށްދީ އެ ޖަމާއަތުގެ އިސް ވެރިންނަށް ގަތަރުން ހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ.

އަލްޤާޢިދާ އަށް މާލީ އެހީ އާއި ގަތަރުގެ ހިމާޔަތާއި ހިޔާވަހިކަން ފޯރު ކޮށްދީފައިވަނީ، ގަތަރުގެ ވެރިކަން ކުރާ އާލް ޘާނީ އާއިލާގެ ނުފޫޒުންނެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެކަކީ ކުރީގެ އައުގާފާ ބެހޭ ވަޒީރު އަދި ދާޚިލީ ވަޒީރުކަން ވެސް ކުރެއްވި އަބްދުﷲ ބިން ޚާލިދު އެވެ.

މީނާގެ ދަނޑުތަކުގައި އަލްޤާޢިދާ ޖަމާއަތުގެ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން، ދަނޑުވެރިންގެ ގޮތުގައި ވަޒީފާ ދީގެން ގެންގުޅެފައިވެ އެވެ. އެ މީހުންނަށް އޭނާގެ އަމިއްލަ ފައިސާ އާއި ދާޚިލީ ވުޒާރާގެ ފައިސާ ހޭދަކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުން ސާބިތުވެ އެވެ.

އޭގެ އިތުރުން އަލްގާއިދާގެ ލީޑަރު އުސާމާ ބިން ލާދިން ގަތަރުގައި އުޅުނު ދުވަސްވަރު މި ޚާލިދާ އެކު އެތައް ބައްދަލުވުންތަކެއް ބާއްވާފައިވެ އެވެ. އެމެރިކާ އިން ހޯދަމުން ދިޔަ އުސާމާ ބިން ލާދިން ގަތަރަށް އެތެރެވީ ވެސް އަދި ގަތަރުގައި އުޅެމުން ދިޔައީ ވެސް ގަތަރު ސަރުކާރުގެ ފުރިހަމަ ހިމާޔަތް ލިބިގެންނެވެ.

ގަތަރުގެ ކުރީގެ ދާޚިލީ ވަޒީރު އަބްދުﷲ ބިން ޚާލިދުގެ ހިމާޔަތުގައި ގަތަރުގައި ގެންގުޅުނު ޓެރަރިސްޓުންގެ ތެރޭގައި އަލްގާއިދާގެ އިސް މީހެއް ކަމަށްވާ ޚާލިދު ޝައިޚް މުހައްމަދު ހިމެނެ އެވެ.

ސެޕްޓެމްބަރ 11، 2001 ގައި އެމެރިކާގެ ޓުވިން ޓަވަރުގެ އެއް ޓަވަރުގައި ރޯވެ އަނދަމުން ދާއިރު، ދެ ވަނަ ޓަވަރުގައި ޖެއްސުމަށް ދެ ވަނަ މަތިންދާބޯޓެއް އަންނަނީ.

ފެބްރުއަރީ 1993 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ދިން ބޮމުގެ ހަމަލާ އާއި ސެޕްޓެމްބަރު 11ގައި ހަތަރު މަތިންދާބޯޓު ގޮއްވާލައިގެން އެމެރިކާ އަށް ދިން ހަމަލާގެ އެންމެ އިސް މޭސްތިރިއަކީ މި ޚާލިދެވެ. އޭގެ އިތުރުން 2002 ވަނަ އަހަރު އިންޑޮނީޝިޔާގެ ބާލީގައި ދިން ބޮމުގެ ހަމަލާގެ އަޑީގައި ވެސް ހުރީ މި ޚާލިދެވެ.

އޭގެ އިތުރުން 2002 ވަނަ އަހަރު އިންޑޮނީޝިޔާ، އޮސްޓްރޭލިޔާ އަދި ޖަޕާންގައި ހުރި އެމެރިކާ އެމްބަސީތައް ގޮއްވާލަން ރޭވުމާއި ޕޯޕް ޖޯން ޕޯލް އަވަހާރަކޮށްލަން ރޭވުމާއި ޕާކިސްތާނުގެ އޭރުގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވަހާރަކޮށްލަން ރޭވުމާއި ޕެނަމާ ކެނަލް ގޮއްވާލަން ރޭވުމާއި ލަންޑަންގެ ހީތުރޯ އެއާޕޯޓް ގޮއްވާލަން ރޭވުމުގެ އިތުރުން ލަންޑަންގެ ބިގް ބެން ގޮއްވާލަން ރޭވުމުގެ ތުހުމަތު މީނާގެ ބޮލުގައި ވަނީ އެޅިފަ އެވެ.

މި ހުރިހާ ކަމެއްގެ އަޑީގައި ހުރީ ޚާލިދުކަމާއި އޭނާ އެ ވަގުތު ހުރީ ގަތަރުގައި ކަން އެނގިގެން އޭނާ ހައްޔަރު ކުރުމަށް އެމެރިކާގެ ސިއްރު ފުލުހުން ގަތަރަށް ދިޔަ އެވެ. އަދި ގަތަރު ސަރުކާރާ އެ މައުލޫމާތު ހިއްސާ ކުރިތާ ދެތިން ގަޑިއިރުގެ ތެރޭގައި އޭނާ ގަތަރުން ފުރައިގެން ދިޔައީ، ގަތަރު ސަރުކާރުން އޭނާ އަށް ހަދައިދީފައި އޮތް ޕާސްޕޯޓެއްގައި ކަން އޮތީ ފަޅާ އަރައިފަ އެވެ.

ގަތަރުގެ ޝާހީ އާއިލާގެ ތެރެއިން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ފާހަގަ ކޮށްލެވޭ ދެ ވަނަ މީހަކީ އަބްދުލް ކަރީމް އާލް ޘާނީ އެވެ. މީނާގެ އަމިއްލަ ގޭގައި ހިމާޔަތް ދީގެން ގެންގުޅުނު އެންމެ ފާހަގަ ކޮށްލެވޭ އެކަކީ އިރާގުގައި އޮތް އަލްގާއިދާގެ ގޮފީގެ ވެރިޔާ އަބޫ މުސްއަބް އައްޒަރްގާވީ އެވެ. އައްޒަރްގާވީއަކީ ވެސް ގަތަރުގެ ވަޒަންވެރިކަން ދީފައިވާ މީހެކެވެ. އަދި ގަތަރުގެ ޕާސްޕޯޓް ދީ، އިރާގުގައި އަލްގާއިދާގެ ގޮފި ގާއިމުކުރުމަށް އެތައް މިލިއަން ޑޮލަރެއް ގަތަރު ސަރުކާރުން މީނާ އަށް ދީފައިވެ އެވެ.

އަލްޖަޒީރާ ޓީވީ ޗެނަލްގެ ސްޓޫޑިއޯއެއް: އަރަބި ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅު ހަރަކާތްތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށް ސައޫދީ އާއި މިސްރުން ތުހުމަތު ކުރޭ.

ގަތަރުގެ ޝާހީ އާއިލާގެ އިތުރުން ގަތަރުގެ ތަފާތު ޖަމިއްޔާތައް މެދުވެރިކޮށް ވެސް ޓެރަރިސްޓް ޖަމާއަތްތަކަށް ތަފާތު އެހީތައް ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ގަތަރުގެ ޚައިރިއްޔާތު ޖަމިއްޔާ އާއި އެ ޖަމިއްޔާގެ ވެރިޔާ ފާހަގަ ކޮށްލެވެ އެވެ. އެ ޖަމިއްޔާގެ ރައީސަކީ އަލްގާއިދާގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހެއް ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

ސެޕްޓެމްބަރ 11ގެ ހަމަލާގައި ބައިވެރިވި އިބްރާހީމް އަހްމަދު ހިކްމަތު ޝާކިރަކީ ގަތަރުގެ އައުގާފާ ބެހޭ ވުޒާރާގައި މަސައްކަތް ކުރި އިރާގު ރައްޔިތެކެވެ. ގަތަރު ސަރުކާރުން އޭނާ ހައްޔަރުކޮށް ތަހުގީގު ހިންގަމުން ދަނިކޮށް، އެމެރިކާ އިން އޭނާ ބޭނުންވެގެން އެންގުމުން ގަތަރު ސަރުކާރުން ވަނީ އޭނާ އިރާގަށް ފޮނުވާލާފައިފަ އެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތު ގަތަރުގެ ޝާހީ އާއިލާގައި އެޅުވޭ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއީ މެދުއިރުމަތީގެ ގައުމުތަކުގެ އިދިކޮޅު ހަރަކާތްތަކަށް ގަތަރުން ކުރާ ތާއީދާއި އެކަމަށް ކުރާ ހޭދަ އެވެ. އަދި މީޑިއާގެ ވަސީލަތްތައް އުފައްދައިގެން އަރަބީންގެ އިދިކޮޅު ހަރަކާތްތައް ފަތުރައި ފުޅާ ކުރުމަށް ކުރާ މަސައްކަތެވެ.

ޓެރަރިސްޓެއް ކަމަށް މިސްރުން ކަނޑައަޅާފައިވާ ޑރ. ޔޫސުފުލް ޤަރްޟާވީ. މީނާ ދިރިއުޅެމުން ދަނީ ގަތަރު ސަރުކާރުގެ ހިމާޔަތުގައި ގަތަރުގައި.

ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފުލް ޤަރްޟާވީ އަށް ގަތަރުން ހިޔާވަހިކަން ދީގެން ގެންގުޅުމަކީ ވެސް އަރަބި ގައުމުތައް ގަތަރު ދެކެ ރުޅިއަންނަ އެއް ސަބަބެވެ. ވަކިން ޚާއްސަ ކޮށް މިސްރު ސަރުކާރު ގަތަރާ މެދު ހިތް ނުބައިވާ މައިގަނޑު ސަބަބެވެ.

މިސްރުގައި ހަރަކާތްތެރިވާ ހަރުކަށި އިސްލާމީ ޖަމާއަތްތަކަށް ޑރ. ޤަރްޟާފީ ފާޅުގައި ތާއީދު ކުރެއްވުމަކީ މިސްރު ސަރުކާރު އަބަދު ވެސް ރުޅި އަންނަ ކަމެކެވެ. މިސްރުގައި އެންމެ ގިނަ ޓެރަރިސްޓް ހަމަލާތައް ދީފައިވަނީ، އިދިކޮޅު އިޚްވާނުލް މުސްލިމީން ޖަމާއަތެވެ. އަދި ޑރ. ޤަރްޟާވީ އަކީ އެ ޖަމާއަތުގެ އިސް މެމްބަރެކެވެ.

ވީއިރު އެފަދަ ބޭފުޅަކަށް ގަތަރުން ހިމާޔަތް ދީގެން ގެންގުޅުމަކީ މިސްރާއި ގަތަރާ ދެމެދު އަބަދު ވެސް މައްސަލަ ޖެހޭ ކަމެކެވެ. ޑރ. ޤަރްޟާވީ އަކީ މިސްރުން އެކަށައަޅާފައިވާ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ ބޭފުޅެކެވެ. އެހެންކަމުން އޭނާ މިސްރު ސަރުކާރާ ހަވާލު ކުރުމަށް ގަތަރުގައި ކިތަންމެ ފަހަރަކު އެދިއްޖެ ވެސްމެ އެވެ. ނަމަވެސް ގަތަރުން ދަނީ އެ ކަމަށް ދެކޮޅު ހަދަމުންނެވެ.

އެމެރިކާ އިން ނެރުނު ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ޑރ. ޤަރްޟާވީގެ ނަން ހިމަނަން އެމެރިކާގެ އެފްބީއައި އިން ބޭނުންވި އެވެ. ނަމަވެސް ގަތަރުގެ ޝާހީ އާއިލާގެ ނުފޫޒާ އެކު އެ ލިސްޓުގައި ޑރ. ޤަރްޟާވީގެ ނަން އެމެރިކާ އިން މިހާތަނަށް ވެސް ނުހިމަނަ އެވެ. އެކަން ޑރ. ޤަރްޟާވީ ވަނީ ކިތަންމެ އިންޓަވިއުއެއްގައި ފާހަގަ ކުރައްވައިފަ އެވެ.

މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި އިޚްވާނުލް މުސްލިމީން ޖަމާއަތް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގައި، ނާސިރުގެ ވެރިކަމުގައި ޤަރްޟާވީ ޖަލަށް ވެސް ލި އެވެ. އަދި ޖާމިއަތުލް އަޒްހަރުގައި ކިޔަވަން އުޅުނު ދުވަސްވަރު ވެސް މިސްރުގެ ވެރިކަން ބަދަލުކޮށްލުމަށް އިޚްވާނުންނާ ގުޅިގެން ޑރ. ޤަރްޟާވީ މަސައްކަތް ކުރެއްވި ކަން ފަޅާއަރާފައިވެ އެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން ކުރި މުޒާހަރާތަކުގެ ތެރެއިން.

އަރަބި ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ޤަރްޟާވީގެ ހިންގެވި ފިކުރީ ހަނގުރާމަ އެންމެ ބޮޑަށް ފުޅާވެގެން ދިޔައީ 1995 ވަނަ އަހަރުގެ ތެރޭގައި ގަތަރުގެ ޝާހީ އާއިލާއާ ގާތް ގުޅުމެއް އުފެދުމާ ގުޅިގެންނެވެ. އަލްޤާޢިދާ ޖަމާއަތާއި އެ ޖަމާއަތުގެ ގޮފިތަކަކީ ޝަރުއީ ގޮތުން ހުއްދަ ޖަމާއަތްތަކެއް ކަމަށް ބުނެ ނެރުއްވި ފަތުވާތަކުގެ ސަބަބުން، ގަތަރު ސަރުކާރުން އެފަދަ ޓެރަރިސްޓު ޖަމާއަތްތަކަށް އެހީތެރިކަމާއި ހިޔާވަހިކަން ދޭން ފެށި އެވެ.

ގަތަރުގެ އޭރުގެ އަމީރް ޚަލީފާ އާލް ޘާނީގެ ވެރިކަމާ ދެކޮޅަށް އޭނާގެ ދަރިކަލުން ޙަމަދް، 1995 ވަނަ އަހަރު ގެންނެވި އިންގިލާބަކީ ޝަރުއީ ގޮތުން ހުއްދަ އިންގިލާބެއް ކަމަށް ޤަރްޟާވީ ފަތުވާ ނެރުއްވި ހިސާބުން ޤަރްޟާވީ އަކީ ގަތަރުގެ ޝާހީ އާއިލާގެ ޚާއްސަ މެހުމާނެއް ކަމުގައި ވެގެން ދިޔަ އެވެ.

ގަތަރުގެ ޝާހީ އާއިލާ އިން 1996 ވަނަ އަހަރު އަލްޖަޒީރާ ޓީވީ ޗެނަލް އުފައްދައި، އޭރުގެ އަމީރު ޙަމަދް ބިން ޚަލީފާގެ ޕްރޮޕެގެންޑާ ފެތުރުމަށް އެ ޗެނަލް މެދުވެރިކޮށް ގަރްޟާވީގެ ޕްރޮގްރާމްތަކެއް ފޮނުވަން ފެށި އެވެ. އަދި އަލްގާއިދާ ޖަމާއަތުގެ ހަރަކާތްތަކަށް ތާއީދުކޮށް ޤަރްޟާވީ ދައްކަވާފައިވާ ވާހަކަތައް އަލްޖަޒީރާ ޗެނަލުން ފޮނުވަން ފެށި އެވެ.

ޑިސެމްބަރު 2010 ގައި ތޫނިސް އިން ފަށައިގެން، މިސްރާއި ލީބިޔާ، ޔަމަން، ސީރިޔާ އަދި އިރާގަށް ފެތުރިގެން ދިޔަ "އަރަބި ރަބީއު"ގެ އިންގިލާބުތަކަށް އެންމެ ބޮޑަށް ތާއީދު ކޮށް، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ އެ ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެންމެ ފާޅުގައި ގޮވައިލެއްވި ދީނީ އިލްމުވެރިއަކީ ވެސް ޑރ. ޤަރްޟާވީ އެވެ.

ހަމަ އެފަދައިން އަރަބި ގައުމުތަކުގައި އުފެދުނު އިންގިލާބީ ހަރަކާތްތަކުގެ މަންޒަރާއި އަޑު އެންމެ ތާޒާކަމާ އެކު އަރަބި ދުނިޔޭގައި ފަތުރައި އެ ހަރަކާތްތަކުގައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް އެންމެ ބޮޑަށް ޕްރޮޕެގެންޑާ ފެތުރި މީޑިއާގެ ވަސީލަތަކީ ގަތަރުގެ ޝާހީ އާއިލާ އިން ހިންގާ އަލް ޖަޒީރާ ޓީވީ ޗެނަލެވެ.