ސައޫދީ ވަލީ އަހްދަކަށް ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އައްޔަން ކުރައްވައިފި

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދުގެ މަގާމަށް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން މިއަދު އައްޔަން ކުރައްވައިފި އެވެ.


މުހައްމަދު، ސައޫދީ އަރަބިއްޔާގެ ވަލީ އަހްދުގެ މަގާމަށް މި އައްޔަން ކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާޔިފް ބިން އަބްދުލްއަޒީޒް އެ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. މިއަދާ ހަމައަށް މުހައްމަދު ބިން ސަލްމާން ހުންނެވީ ވަލީ އަހްދުގެ ނާއިބުގެ މަގާމުގަ އެވެ.

ވަލީ އަހުދުގެ މަގާމުގެ އިތުރުން މުހައްމަދު ބިން ނާޔިފް ފުރުއްވަމުން ގެންދެވި އެހެން މަގާމުތަކުން ވެސް މިއަދު ވަނީ އޭނާ ވަކި ކުރައްވައިފަ އެވެ. އެއީ ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމާއި ދާޚިލީ ވަޒީރުގެ މަގާމެވެ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހްދުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު ބިން ސަލްމާން.

ސަލްމާން ރަސްގެފާނު މިއަދު ނެރުއްވީ ޝާހީ އަމުރުފުޅުގައިވާ ގޮތުން، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު މިއަދުން ފެށިގެން ވަލީ އަހުދުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާނެ އެވެ. އަދި ކުރިން ވެސް އަދާކުރައްވަމުން ގެންދެވި ދިފާއީ ވަޒީރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާނެ އެވެ.

މުހައްމަދު ބިން ނާޔިފް، ދާޚިލީ ވަޒީރުގެ މަގާމުން ވަކި ކުރެއްވުމަށް ފަހު، އެ މަގާމަށް މިއަދު އައްޔަން ކުރެއްވީ އަބްދުލްއަޒީޒް ބިން ސައޫދު ބިން ނާޔިފް އެވެ.

ސައޫދީ އަރަބިއްޔާގެ ވަލީ އަހްދުގެ މަގާމުން މިއަދު ވަކި ކުރެއްވި މުހައްމަދު ބިން ނާޔިފް ބިން އަބްދުލްއަޒީޒް

ވަލީ އަހްދު މުހައްމަދަކީ ރަސްގެފާނު ސަލްމާންގެ ހަ ވަނަ ދަރިކަލުންނެވެ. އަދި އޭނާ އަކީ ސައޫދީ ރަސްކަމުގައި މިހާރު އެންމެ ނުފޫޒު ގަދަ އެއް ޝަޚްސިއްޔަތެވެ. ދެބެންގެ ދެދަރި ބޭކަނބަލެއް ކަމަށްވާ ސާރާއާ ކައިވެނި ބައްލަވައިގެން، ދެ ދަރިކަލުންނާއި ދެ ދަރިކަނބަލުން ލިބިވަޑައިގެންފައިވެ އެވެ.