ޔަމަންގެ ކޮލެރާ ވަބާއާ ދެކޮޅަށް ސައޫދީން 66 މިލިއަން ޑޮލަރު ދެނީ

ދާޚިލީ ހަނގުރާމައިގެ ސަބަބުން އާންމު ނިޒާމު މުޅިން ގެއްލިފައިވާ ޔަމަންގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮލެރާގެ ވަބާއިން އެ ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ސައޫދީ އަރަބިއްޔާ އިން 66.7 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.


ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، ސައޫދީން ދޭ ފައިސާގެ އެހީ ހަވާލު ކުރާނީ، އދ.ގެ ކުޑަކުދިންނާ ބެހޭ ފަންޑު ޔުނިސެފަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔޫއެޗްއޯ އަށެވެ. ޔަމަންގައި ކޮލެރާ ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން ދަނީ އެ ޖަމިއްޔާތަކުންނެވެ.

އެހީގެ ގޮތުގައި ސައޫދީން ޔަމަނަށް ދޭން މި ނިންމި ފައިސާއަކީ، ކޮލެރާއާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރުން މިހާރަށް ބޭނުންވާ ކަމަށް ޔުނިސެފާއި ޑަބްލިޔޫއެޗްއޯ އިން އިއުލާން ކުރި އަދަދެވެ. ކޮލެރާއާ ދެކޮޅަށް ޔަމަނަށް އެހީވުމުގައި ސައޫދީ ތަމްސީލް ކުރަނީ، ކިންގް ސަލްމާން ސެންޓާ ފޯ ރިލީފް އެންޑް ހިއުމެނިޓޭރިއަން އެއިޑް އެވެ.

ޔަމަނަށް އެހީވުމުގެ ގޮތުން ފައިސާގެ އެހީއެއް ދިނުމަށް ނިންމެވީ ސައޫދީ އަރަބިއްޔާގެ ވަލީ އަހުދުގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި، މުހައްމަދު ބިން ސަލްމާން އެވެ. ސައޫދީ ރަސްކަމުގެ ދަރުބާރުގެ ޚާއްސަ މުޝީރު ޑރ. އަބްދުﷲ ބިން އަބްދުލްއަޒީޒް އައްރަބީއު ވިދާޅުވި ގޮތުގައި، ޔަމަންގައި ފެތުރެމުންދާ ކޮލެރާގެ ވަބާއިން އެ ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް، ޔުނިސެފާއި ޑަބްލިޔޫއެޗްއާ ގުޅިގެން ސައޫދީ ރަސްކަމުގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔަމަންގައި ފެތުރެމުންދާ ކޮލެރާ ވަބާގައި މި އަހަރުގެ އެޕްރީލް 27ން ފެށިގެން މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި މި ބަލި ޖެހިގެން މި މުއްދަތުގައި ރިޕޯޓް ކުރި މީހުންގެ އަދަދު ވަނީ 100،000 އަށް ވުރެ މަތިވެފަ އެވެ.

މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނާއި 60 އަހަރުން މަތީގެ މީހުންނެވެ. ހަނގުރާމައިގެ ސަބަބުން ޔަމަންގެ ނަރުދަމާ ނިޒާމުގެ ހަލާކުވެ ސާފު ބޯފެން ލިބޭނެ އިންތިޒާމެއް ނެތުމުން، މި ބަލި ކޮންޓްރޯލް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ޔަމަންގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެ އެވެ.