އެއާ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި ދެން ކުކުޅެއް ނުލިބޭނެ

ނިއު ދިއްލީ (ޖުލައި 11) - އެއާ އިންޑިއާގެ އެތެރޭގެ ދަތުރުތަކުގައި އިކޮނޮމީ ކްލާސް ޕަސިންޖަރުންނަށް ކުކުޅު ހިމެނޭ ކެއުން ދިނުން ހުއްޓާލަން ނިންމައިފި އެވެ.


ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެއާ އިންޑިއާ އިން މި ފިޔަވަޅު އަޅާ އިރު ސަރުކާރުން މިހާރު ވަނީ ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރަން ނިންމައިފަ އެވެ. ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ މިއީ ޕަސިންރުން ވަރަށް ބޮޑަށް ތަފާތު ކުރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއާލައިނުގެ ޚަރަދުން މާބޮޑު އެއްޗެއް ސަލާމަތް ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެއާ އިންޑިއާގެ ދަރަނި 8 ބިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

އެތެރޭގެ އުދުހުންތަކުގައި އިކޮނޮމީ ކްލާސް ޕަސިންޖަރުންނަށް ވެޖް-މީލް ދޭން ނިންމި މައްސަލަ ދިފާއުކޮށް އެއާލައިނުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޝްވާނީ ލޮހާނީ ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ އިތުރުން އެ ފިޔަވަޅުގެ ސަބަބުން އިސްރާފް ވެސް ކުޑަކުރެވޭނެ ކަމަށެވެ. އަދި އެއީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެއާ އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ ކެއުމުގައި ކުކުޅު ނުދޭން ނިންމި މައްސަލަ ބައެއް މީހުން ވަނީ ސިޔާސީ ގޮތުން ވެސް ތަރުޖަމާކޮށްފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރު 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން އެކި ސްޓޭޓްތަކުގައި ވަނީ ގެރި ކަތިލުން މަނާކުރަން ފަށައިފަ އެވެ. ގެރިއަކީ ހިންދޫން އަޅުކަން ކުރާ އެއްޗަކަށްވުމުން ހިންދޫންގެ ގިނަ މީހުންނަކީ ވެޖެޓޭރިއަނުންނެވެ. އެކަމަކު މުސްލިމުންގެ ކެއުންތަކުގައި އާއްމުކޮށް އެއްގަމު މަސް ހިމެނެ އެވެ. ގެރި ކަތިލާ ކަމަށް ބުނެ އިންޑިއާގައި މުސްލިމުންނަށް ދޭ ހަމަލާތައް ވެސް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.