އަގްސާ މިސްކިތް ކައިރިން ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ގުދުސް (ޖުލައި 14) - ގުދުސްގެ އަލް އަގްސާ މިސްކިތާ ކައިރިން އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.


އިޒްރޭލުން ބުނީ ފަލަސްތީނުގެ ތިން މީހުން ގަޔަށް ބަޑި ޖެހީ އަގްސާ މިސްކިތުގެ ހަރިއްމަ ތެރޭގައި އެ މީހުން އިޒްރޭލް ސިފައިން ގަޔަށް ބަޑި ޖަހާ ފިލަން މަސައްކަތް ކުރުމުން ކަމަށެވެ. މިސްކިތުގެ ގޭޓް ކައިރިން ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލަން ދުވީ މިސްކިތަށް ވަންނަން ކަމަށް ވެސް އިޒްރޭލް ފުލުހުން ބުންޏެވެ. އެ ތިން މީހުން ގަޔަށް އިޒްރޭލް ސިފައިން ބަޑި ޖެހީ މިސްކިތަށް ވަންނަން ދަނިކޮށް ހަރިއްމަ ތެރޭންނެވެ.

އިޒްރޭލުން ބުނީ ސިފައިންގެ ތެރޭން ޒަޚަމްވި ދެ މީހުންގެ ހާލު ސީރިއަސް ކަމަށެވެ. މި ހަމަލާ އަށް ފަހު އިޒްރޭލް ސިފައިން ވަނީ އަގްސާ މިސްކިތުގެ ހަރިއްމަ ސަރަހައްދު މިއަދު ބަންދުކޮށްފަ އެވެ. އަދި ހުކުރު ނަމާދަށް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

މިއަދު ހިނގި އެހެން ހާދިސާއެއްގައި އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ 18 އަހަރުގެ ޒުވާނަކު ވަނީ ބައިތުލަހަމުން ޝަހީދުކޮށްލައިފަ އެވެ. އަދި މި ހަމަލާތަކުގައި ފަލަސްތީނުގެ ދެ ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިޒްރޭލާއި ފަލަސްތީނުން އެންމެ ފަހުގެ ހަމަނުޖެހުންތައް ސެޕްޓެމްބަރު 2015 ގައި ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ ފަލަސްތީނުގެ 254 މީހުން ޝަހީދު ކޮށްލައިފަ އެވެ. އެ މުއްދަތުގައި އިޒްރޭލް މީހުންގެ ތެރޭން މަރުވެފައި ވަނީ 43 މީހުންނެވެ.