ހުކުރު ނަމާދަށް އަގްސާ މިސްކިތް ބަންދުކޮށް އިމާމު ހައްޔަރުކޮށްފި

ގުދުސް (ޖުލައި 14) - އަގްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމުގެ ފުރުސަތު މިއަދު ނުދީ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުގެ އަމުރާ ދެކޮޅު ހެދި ގުދުސްގެ އިސް މުފްތީ ހައްޔަރުކޮށްފި އެވެ.


އަގްސާ މިސްކިތުގައި ކުރަން އޮތް ހުކުރު ނަމާދު ކެންސަލް ކުރުމަށް ފަހު އެ ސަރަހައްދަށް މީހުން ވަނުން އިޒްރޭލުން މަނާކުރީ މިއަދު ހެނދުނު ފަލަސްތީނުގެ ތިން މީހަކު އިޒްރޭލް ސިފައިންނަށް ހަމަލާ ދިނުމުންނެވެ. އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ދިން މި ހަމަލާގައި އިޒްރޭލް ސިފައިންގެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އިޒްރޭލް ސިފައިން ހަމަލާދީ ފަލަސްތީނުގެ ތިން ޒުވާނުން ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.

އަގްސާ މިސްކިތް ބަންދު ކުރުމުން ފަލަސްތީނު މީހުން މަގު މަތީގައި ހުކުރު ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިކަމުގެ ރުޅިވެރިކަމުގައި އިޒްރޭލުން ވަނީ އަގްސާ މިސްކިތަށް އެއްވެސް މީހަކު ވަނަނުދީ ބަންދުކޮށްފަ އެވެ. އިޒްރޭލުގެ އަމުރާ ދެކޮޅު ހަދާ މިސްކިތަށް ވަނުމަށް ގޮވާލި ގުދުސްގެ މުފްތީ ޝެއިޚް މުހައްމަދު އަހުމަދު ހުސެއިން ވަނީ އަގްސާ މިސްކިތުގެ ބާބުލް އަސްބާތު ނުވަތަ ލަޔަންސް ގޭޓް އޭރިއާ އިން ހައްޔަރުކޮށްފަ އެވެ.

އަގްސާ މިސްކިތް ބަންދު ކުރުމުން ޝެއިޚް ހުސައިން ވަނީ މިސްކިތުން ބޭރު ސަރަހައްދުގެ މަގުމަތީގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައިފަ އެވެ. އޭނާ ހައްޔަރު ކުރީ ހުކުރު ނަމާދަށް ފަހު އެވެ. ނަމަވެސް 2،800 ޑޮލަރުގެ ކަފާލާތެއްގެ ދަށުން ޝެއިޚް ހުސައިން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

އަގްސާ މިސްކިތަށް ހުކުރަށް ދިޔަ މީހުންނަށް އިޒްރޭލް ސިފައިން ހުރަސް އަޅަނީ. --ފޮޓޯ:ސީއެންއެން

އަގްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް އެވްރެޖްކޮށް ފަލަސްތީނުގެ 10،000 މީހުން ޖަމާވެ އެވެ. ބައެއް މީހުން އަންނަނީ ވަރަށް ދުރުން ދަތުރުކޮށްފަ އެވެ. ނަމަވެސް މިއީ އެތައް ޒަމާނަކަށް ފަހު އިޒްރޭލުން ހުކުރު ނަމާދަށް އަގްސާ މިސްކިތް ބަންދު ކުރި ފުރަތަމަ ފަހަރެވެ.

ސަތޭކަ ކިލޯ މީޓަރުގެ ދަތުރުރެއް ކޮށްފައި އަގްސާ މިސްކިތަށް ހުކުރަށް ދިޔަ 77 އަހަރުގެ ހާޖް ޚާލިދު އަބޫ އަލް ޝެއިޚް ބުނީ މިއީ އެއްވެސް ދީނެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަގްސާ މިސްކިތް ސަރަހައްދު އިޒްރޭލް ސިފައިން ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޯނު ކުރައްވާ ބަޑި ޖެހި ހާދިސާ ކުށްވެރި ކުރައްވައިފަ އެވެ. އަދި މުސްލިމުންނަށް އަގްސާ މިސްކިތް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ވަނީ އެދިވަޑައިގެންފަ އެވެ.