އަގްސާ މިސްކިތް މިއަދު ހުޅުވާނެ ކަމަށް އިޒްރޭލުން ބުނެފި

ގުދުސް (ޖުލައި 16) - މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އަލް އަގްސާ މިސްކިތް މިއަދުން ފެށިގެން އަލުން ހުޅުވާލާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އަގްސާ މިސްކިތުގެ ތެރޭގައި ހުކުރު ދުވަހު ހެނދުނު ދިން ހަމަލާތަކަށް ފަހު އިޒްރޭލް ސިފައިން ވަނީ މިސްކިތް ބަންދުކޮށްފަ އެވެ. އަދި ހުކުރު ނަމާދަށް ވެސް މިސްކިތް ނުހުޅުވުމުން އެ ދުވަހު ހުކުރު ނަމާދު ކުރަން ޖެހުނީ މަގުމަތީގަ އެވެ.

ނަތަންޔާހޫގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އަގްސާ މިސްކިތަށް އަޅުކަމަށް އަންނަ މީހުންނާއި ޓޫރިސްޓުންނަށް ހުޅުވާނެ ކަމަށެވެ.

ހުކުރު ދުވަހު ހެނދުނު އަގްސާ މިސްކިތުގެ ތެރޭގައި ފަލަސްތީނުގެ ތިން މީހަކު ތިން ހަމަލާތަކުގައި ޒަޚަމްވި އިޒްރޭލް ސިފައިންގެ ދެ މީހުންނަށް ފަރުވާ ދެނިކޮށް ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލް ސިފައިން ހަމަލާދީ ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ހުކުރު ނަމާދަށް އަގްސާ މިސްކިތް ބަންދުކުރުމުން އެ އަމުރާ ދެކޮޅު ހެދުމުން ގުދުސްގެ މުފްތީ ވަނީ ހައްޔަރުކޮށްފަ އެވެ.

ގުދުސްގެ ކުރީގެ މުފްތީ ޝެއިޚް އިކްރިމާ ސަބްރީ ވިދާޅުވީ އަގްސާ މިސްކިތް ބަންދުކުރުމަކީ އެތައް ހާސް މުސްލިމުންނަކަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ.

ގުދުސްގެ ފަލަސްތީން ގަވަރުނަރު އަދުނާން ހުސައިނީ ވިދާޅުވީ އަގްސާ މިސްކިތް ބަންދު ނުކުރާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި އިޒްރޭލުން ކުރިމަތިކުރުވީ ނުރައްކާ ހާލަތެއް ކަމަށެވެ.

އަގްސާ މިސްކިތް ބަލަހައްޓާ އަވްގާފުގެ ސީނިއާ އޮފިޝަލް ބައްސާމް އަލް ހަލާގު ވިދާޅުވީ އަގްސާ ބަންދު ކުރުމަށް ފަހު މިސްކިތް ފާސްކުރުމުގައި ތެރޭގައި ތަޅުލާފައި ހުރި ތަނެއްވިއްޔާ އިޒްރޭލް ސިފައިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލް ސިފައިން 2015 ވަނަ އަހަރު ވެސް ވަނީ އަގްސާ މިސްކިތަށް ވަދެގެންފަ އެވެ. މި ހަމަނުޖެހުންތައް ދުވަސްތަކަކަށް ދެމިގެންދިޔަ އެވެ.

އަގްސާ މިސްކިތުގެ ކަންކަމާ ހަވާލުވެފައިވާ ޖޯޑަން އިން ވަނީ މިސްކިތް ވަގުތުން ހުޅުވުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ. އަރަބި ލީގުން ބުނީ މިސްކިތް ބަންދު ކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވަނީ އިޒްރޭލުގެ ބޮޑު ވަޒީރަށް ފޯނުން ގުޅުއްވާ މިސްކިތް ހުޅުވައި ދިނުމަށް އެދިވަޑައިގެންފަ އެވެ.