ހިސާބު އިލްމުގެ ދެވަނައެއް ނެތް އަންހެން ޕްރޮފެސަރު އަވަހާރަވެއްޖެ

ކެލިފޯނިއާ (ޖުލައި 16) - ހިސާބު އިލްމުގެ ދާއިރާ އިން ދޭ ޝަރަފްވެރި ފީލްޑްސް މެޑަލް ހާސިލްކުރެއްވި އަންހެން ހަމައެކަނި ޕްރޮފެސަރު އީރާނުގެ މަރިޔަމް މިރްޒަޚާނީ ކެންސަރު ބަލީގައި އަވަހާރަވެއްޖެ އެވެ.


އެމެރިކާގެ ސްޓެންފޮޑް ޔުނިވާސިޓީގެ ޕްރޮފެސަރު އުމުރުން 40 އަހަރުގައި ދުނިޔެ ދޫކުރެއްވީ އުރަމަތީގެ ކެންސަރުގަ އެވެ. އޭނާ ހާސިލްކުރެއްވި ފީލްޑްސް މެޑަލް އަކީ ހިސާބު އިލްމުގެ ދާއިރާ އިން ދޭ ނޯބެލް އިނާމާ އެއްފަދަ އެވޯޑެކެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު މި އެވޯޑް ދެނީ އުމުރުން 40 އަހަރުން ދަށުގެ ދޭއް ނުވަތަ ހަތަރު އިލްމުވެރިޔަކަށެވެ. ޖިއޮމެޓްރީ އާއި ޑައިނަމިކަލް ސިސްޓަމްގެ ދާއިރާ އިން މިރްޒަޚާނީ އަށް މެޑަލް ލިބިވަޑައިގަތީ 2014 ވަނަ އަހަރު އެވެ. މިއީ މި މެޑަލް އަންހެން އިލްމުވެރިޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ޕްރޮސެރު މިރްޒަޚާނީ އަކީ ފީލްޑްސް މެޑަލް ހޯދި އީރާނުގެ ފުރަތަމަ އިލްމުވެރިޔާ ވެސް މެ އެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޕްރޮފެސަރު މިރްޒަޚާނީގެ މަރަކީ ބޮޑު ހިތާމައެއް ކަމަށެވެ. ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވި ގޮތުގައި މިރްޒަޚާނީ ދުނިޔެ ދޫކުރެއްވުމަކީ އިރާނުގެ އެންމެންނަށް ވެސް ލިބުނު ދެރައެކެވެ.

ޕްރޮފެސަރު މިރްޒަޚާނީ އާއި އޭނާގެ ފިރިކަލުން ޗެކް ސައެންސްވެރިޔާ ޖޭން ވޮންޑްރެކަށް އަންހެން ބޭފުޅަކު ލިބިވަޑައިގެންފައިވެ އެވެ.

ސްޓެންފޮޑް ޔުނިވާސިޓީގެ ރައީސް މާކް ޓެސިއާ ސިފަކުރައްވާފައި ވަނީ ޕްރޮފެސަރު މިރްޒަޚާނީ އަކީ ތޫނުފިލި ހިސާބު އިލްމުވެރިއެއް ކަމަށެވެ. އިލްމުވެރިއެއްގެ ހައިސިއްޔަތުންނާއި ރޯލް މޮޑެލްގެ ގޮތުގައި މިރްޒަޚާނީ އަކީ ނަމޫނާއެއް ކަމަށް ވެސް މާކް ވިދާޅުވި އެވެ.

އީރާނަށް 1977 ގައި އުފަންވެވަޑައިގެންނެވި މިރްޒަޚާނީ ވަނީ ފުރާ އުމުރުގައި އިންޓަނޭޝަނަލް މެތެމެޓިކަލް އޮލިމްޕިއާޑުގައި ދެ ރަން މެޑަލް ހޯއްދަވައިފަ އެވެ. ހާވަޑް ޔުނިވާސިޓީން އޭނާ ޕީއެޗްޑީ ހާސިލްކުރެއްވީ 2004 ވަނަ އަހަރު އެވެ. ސްޓެންފޮޑް ޔުނިވާސިޓީގައި ޕްރޮފެސަރެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ 2008 ވަނަ އަހަރު އެވެ.