ފްލޮރިޑާގައި އުފެދުނު ވަޅުގަނޑުގެ ތެރެއަށް ގެތައް ވެއްޓެނީ.

ފްލޮރިޑާގައި ހެދުނު ވަޅުގަނޑަކަށް ދެ ގެ ދަަމައިގެންފި

ފްލޮރިޑާ (ޖުލައި 16) - ފްލޮރިގައި ހެދުނު ބޮޑު ވަޅުގަނޑަކަށް ދެ ގެ އާއި ބޯޓެއް ދަމައިގެންފި އެވެ.


ފްލޮރިޑާގެ ޕަސްކޯ ކައުންޓީގެ ލޭންޑް އޯ ލޭކްސް ކައިރިން ހުކުރު ދުވަހު ހެދުނު ވަޅުގަނޑު އިތުރަށް ބޮޑުވުމުން މިހާރު ހުއްޓިފައިވާ ކަމަށް އެ ކައުންޓީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު ކެވިން ގުތުރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދު ސާފު ކުރުމުގެ ކުރިން ޖިއޮލޮޖިސްޓުން މޮނިޓާ ކުރާނެ ކަމަށެވެ.

މިއީ ކަސްޕޯ ކައުންޓީގައި ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހު ތެރޭ އުފެދުނު އެންމެ ބޮޑު ވަޅުގަނޑު ނުވަތަ ސިންކްހޯލް އެވެ. މި ވަޅުގަނޑަށް ވެއްޓުނު ދެ ގޭގެ އިިތުރުން އެހެން 11 ގެއަކަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ. ތިން ވަނަ ގެއެއްގެ 45 ޕަސެންޓް ވަނީ ހަލާކުވެފަ އެވެ. މި ތިން ގެ ވެސް ވަނީ އިންޝުއާ ކޮށްފަ އެވެ. ގެތައް ވެއްޓުމުގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފްލޮރިޑާގައި އުފެދުނު ވަޅުގަނޑުގެ ފުޅާ މިނުގައި 250 ފޫޓް (76 މީޓަރު) އަދި ފުން މިނުގައި 50 ފޫޓު (15 މީޓަރު) ހުއްޓެވެ.

ފްލޮރިޑާގައި 2013 ވަނަ އަހަރު ވެސް ވަނީ ސިންކްހޯލެއް އުފެދި ދެ ގޭ ވެއްޓިފަ އެވެ. އެ އަހަރު ގެތައް ވެއްޓުނީ މީހުން ނިދާފައި ތިއްބަ އެވެ. މީގެ ތެރޭން އެއް ގޭން ގެއްލުނު މީހަކު އަދިވެސް ނުފެނެ އެވެ.