އަގްސާގެ ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފި

ގުދުސް (ޖުލައި 17) - ދެ ދުވަހަށް ބަންދު ކުރުމަށް ފަހު އަލް އަގްސާ މިސްކިތް އިއްޔެ ހުޅުވި އިރު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކަށް ފަލަސްތީނުން ދެކޮޅު ހަދައިފި އެވެ.


އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށް އިތުރު ސީސީ ޓީވީ ކެމެރާތައް އިޒްރޭލުން ހަރުކުރުމާ ގުޅިގެން އަގްސާ މިސްކިތް ބަލަހައްޓާ އެޑްމިނިސްޓްރޭޓަރުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށް، މިސްކިތަށް ވަނުމަށް ދެކޮޅު ހަދައިފަ އެވެ.

"އަގްސާ މިސްކިތް ބަންދުކޮށް، އެ މިސްކިތަށް ވެރިވެގަނެ، ބަންގި ގޮވުމަށް ހުރަސް އެޅުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފު ކަމެއް،" އަގްސާ މިސްކިތުގެ ޑިރެކްޓަރު އުމަރު ކިސްވާނީ ވިދާޅުވި އެވެ. "އަގްސާ މިސްކިތުގެ ސަލާމަތީ ކަންކަމަށް އިޒްރޭލުން ގެނައި ބަދަލަށް އެ ގައުމު ޒިންމާ ކުރުވާނަން. އިޒްރޭލުން ވަނީ އަގްސާ މިސްކިތުގެ ކޮންޓްރޯލް އަޅުގަނޑުމެން އަތުން އަތުލާފައި. އެ ކޮންޓްރޯލް އަނބުރާ ލިބެންދެން އަޅުގަނޑުމެން ތިބޭނީ މިސްކިތުގެ ބޭރުގައި."

ގުދުސްގެ ލަޔަންސް ގޭޓް ނުވަަތަ ބާބުލް އަސްބާތުގައި އިޒްރޭލް ސިފައިން މެޓަލް ޑިޓެކްޓަރު ހަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ވޮއިސް އޮފް ފަލަސްތީނަށް ދެއްވި އިންޓަވިއުއެއްގައި ކިސްވާނީ ވިދާޅުވީ އާ ފިޔަވަޅުތައް އަޅައިގެން އިޒްރޭލުން ބޭނުން ވަނީ އަގްސާގެ ކޮންޓްރޯލް ހޯދަން ކަމަށެވެ.

ހުކުރު ދުވަހު ބަންދުކުރި އަގްސާ މިސްކިތް އިއްޔެ ހުޅުވާލުމުން ވަރަށް ގިނަ މީހުން ނަމާދަށް ދިޔަ އެވެ. ނަމަވެސް ގިނަ މީހުން ނަމާދުކުރީ ލަޔަންސް ގޭޓް ނުވަތަ ބާބުލް އަސްބާތު ކައިރީގަ އެވެ. އެ މީހުން ނަމާދު ކުރަމުން ދިޔަ އިރު އިޒްރޭލް ސިފައިން ކުރިމަތީގައި ތިއްބެވެ. އިޒްރޭލް ސިފައިންނާ ކުރިމަތިލީ ފަލަސްތީނުގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އަގްސާ މިސްކިތް ބަންދުކުރީ ހުކުރު ދުވަހު ހެނދުނު މިސްކިތުގެ ސަރަހައްދުގައި އިޒްރޭލް ސިފައިންގެ ދެ މީހަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އެ ދެ މީހުން ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. އަދި ހަމަލާ ދިން ފަލަސްތީނުގެ ތިން ޒުވާނުން ވަނީ އިޒްރޭލް ސިފައިން ހަމަލާދީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އަގްސާ މިސްކިތުގައި ސަލާމަތީ ގޮތުން އާ ފިޔަވަޅުތައް އަޅާ އިޒްރޭލަށް ކޮންޓްރޯލް ދިނީ މިހާރު ހިނގާ ކަންތައްތަކާ ގުޅިގެން ކަމަށެވެ.

އަގްސާ މިސްކިތް ބަލަހައްޓާ ޖޯޑަން ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އަގްސާ އާއި ގުދުސްގެ ހާލަތު ބަދަލުވާނެ އެއްވެސް ކަމެއް ނުކުރުމަށް އިޒްރޭލަށް އަންގައިފަ އެވެ.