ގަތަރުގެ މީޑިއާ ހެކް ކުރުމުގެ ފަހަތުގައި ވަނީ ޔޫއޭއީ

ދޯހާ (ޖުލައި 17) - ގަތަރުގެ ރަސްމީ މީޑިއާ ހެކްކޮށް އެ ގައުމުގެ އަމީރު ވިދާޅުވި ކަމަށް ދޮގު ވާހަކަތަކެއް ވެބްސައިޓުގައި ޝާއިއު ކުރުމުގެ ފަހަތުގައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ކަމަށް އެމެރިކާގެ ޖޫސޫސީ ފަރާތްތަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.


ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވިދާޅުވި ކަމަށް ރަސްމީ ނޫސް އެޖެންސީގައި މެއި މަހު ބުނެފައި ވަނީ އީރާނަކީ އިސްލާމީ ބާރެއް ކަމަށެވެ. އަދި ފަލަސްތީނުގެ ހަމާސް އާއި މިސްރުގެ މުސްލިމް ބްރަދަހުޑަށް ތާއީދު ކުރައްވައިފައިވެ އެވެ. ގަތަރުގެ އަމީރު ވިދާޅުވި ކަމަށް ރަސްމީ ނޫސް އެޖެންސީގައި ލިޔެފައިވާ ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއާ، ޔޫއޭއީ، ބަހުރޭން އަދި މިސްރުން ވަނީ މިދިޔަ މަހު 5 ވަނަ ދުވަހު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ވިޔަފާރީގެ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ގަތަރުން ބުނެފައި އަމީރު ވިދާޅުވި ކަމަށް ފޭކް ޚަބަރު ލިޔެފައި ވަނީ ވެބްސައިޓް ހެކްކޮށްގެން ކަމަށެވެ.

ގަތަރުން ވަނީ ވެބްސައިޓް ހެކްކުރި މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ އެހީ ހޯދައިފަ އެވެ. އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ގަތަރުގެ ރަސްމީ ވެބްސައިޓް ހެކް ކުރުމާ ގުޅޭ ގޮތުން ޔޫއޭއީ ސަރުކާރުގެ ސީނިއާ އޮފިޝަލުން މެއި 23 ވަނަ ދުވަހު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވެބްސައިޓް ހެކްކޮށްފައި ވަނީ ޔޫއޭއީ އިން އަމިއްލަ އަށް ނުވަތަ ބަޔަކަށް ފައިސާ ދީގެން ކަމެއް ނޫހުން ބުނެފައެއް ނުވެ އެވެ.

އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ޔޫއޭއީގެ ސަފީރު ޔޫސުފް އަލް އުތައިބާ ވަނީ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓް ދޮގުކޮށްފަ އެވެ.

ގަތަރުން ވެސް ޖޫން މަހު ބުނެފައި ވަނީ އެ ގައުމުގެ ރަސްމީ މީޑިއާ ހެކްކުރުމުގެ ފަހަތުގައި ވަނީ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރޭން ގައުމެއް ކަމަށެވެ. އަދި އެކަމުގެ ހެކި ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.