50 އަހަރުން ދަށުގެ މީހުން އަގްސާ އަށް ވަނުން މަނާ

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތުގައި މިއަދު ކުރާ ހުކުރު ނަމާދަށް މުސްލިމުންގެ ތެރޭން 50 އަހަރުން ދަށުގެ މީހުންނަށް މިސްކިތް ހިމެނޭ ސަރަހައްދަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން އަންގައިފި އެވެ.


އިޒްރޭލުން މި ނިންމުން ނިންމީ އަގްސާ މިސްކިތް ބަންދުކޮށްފައި އޮތް އޮތުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ފެށުމަށް ފަލަސްތީނުން ރާވާފައި ވަނިކޮށެވެ. އަގްސާ މިސްކިތަށް ވަންނަ މީހުން ފާސްކުރުމަށް މެޓަލް ޑިޓެކްޓަރު އިޒްރޭލުން ހަރުކުރި މައްސަލާގައި ފަލަސްތީނުން ދަނީ ދެކޮޅު ހަދަމުންނެވެ. އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ބުނެފައި ވަނީ މެޓަލް ޑިޓެކްރު ނަގާނެ އިރެއް އެނގޭނީ އިޒްރޭލް ސިފައިންނަށް ކަމަށެވެ. އަގްސާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ އިޒްރޭލުން އިތުރު ފިޔަވަޅު އަޅަމުން ދަނީ މިދިޔަ ހުކުރު ދުވަހު މިސްކިތުގެ ސަރަހައްދުގެ ތެރޭގައި ދިން ހަމަލާތަކެއްގައި އިޒްރޭލް ސިފައިންގެ ދެ މީހަކު މަރާލުމާ ގުޅިގެންނެވެ. ރައްދުގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ތިން ޒުވާނުން ވަނީ ޝަހީދު ކޮށްލައިފަ އެވެ.

އިޒްރޭލުގެ ހަރުކަށިކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް މިއަދު ކުރުމަށް ގޮވާލާފައި ވަނީ ހަމާސް ޖަމާއަތާއި މުސްލިމް ބައެއް ލީޑަރުންނެވެ. ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވަނީ އަގްސާ މިސްކިތުގެ މައްސަލައިގައި ރަތް ރޮނގު ހުރަސް ނުކުރުމަށް އިޒްރޭލަށް އިންޒާރު ދީފަ އެވެ. ގުދުސްގެ މުސްލިމް ލީޑަރު މި ހަފުތާގައި ވަނީ ފަލަސްތީނުގެ ހުރިހާ މިސްކިތްތަކެއް މިއަދުގެ ހުކުރު ނަމާދަށް ބަންދު ކުރުމަށް ފަހު އަގްސާ މިސްކިތުގެ ދޮރޯށިތަކުގެ ކައިރިއަށް ޖަމާވުމަށް ގޮވާލައިފަ އެވެ. ގުދުސްގެ މުފްތީ މުހައްމަދު ހުސައިން ވެސް ވަނީ އަގްސާ މިސްކިތުގެ ދޮރޯށިތަކުގެ ކައިރީގައި ހުކުރު ނަމާދު ކުރުމަށް ގޮވާލައްވައިފަ އެވެ.