ގުދުސްގައި ހަމަނުޖެހުން ބޮޑުވެ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި

ގުދުސް (ޖުލައި 21) - އަގްސާ މިސްކިތް އިޒްރޭލުން ބަންދުކުރި މައްސަލާގައި ގުދުސްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލައިފި އެވެ.


އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އިޒްރޭލުން އެޅި ފިޔަވަޅުތަކާ ދެކޮޅު ހެދުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ މުޒާހަރާ އަށް ގޮވާލައިފަ އެވެ. މިއަދުގެ ހުކުރު ނަމާދަށް އަގްސާ އަށް ޖަމާވި މީހުން ވެސް ވަނީ އިޒްރޭލުގެ ހަރުކަށިކަމާ ދެކޮޅު ހަދައިފަ އެވެ.

މިއަދު ހެނދުނުން ފެށިގެން އިޒްރޭލުގެ އެތައް ހާސް ސިފައިންނެއް ވަނީ އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ފޮނުވައިފަ އެވެ. އަދި އަގްސާ މިސްކިތަށް ވަނުމުގެ ހުއްދަ ދީފައި ވަނީ 50 އަހަރުން މަތީގެ ފިރިހެނުންނަށެވެ.

އިޒްރޭލް ސިފައިން ހަތިޔާރާ އެކު. --ފޮޓޯ:ސީއެންއެން

އަގްސާ މިސްކިތުގެ ދޮރޯށިތަކުގެ ކައިރިއަށް އެއްވި މީހުން ދުރަށް ޖެއްސުމަށް އިޒްރޭލް ސިފައިން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ. ފަލަސްތީނުގެ ހެލްތު މިިނިސްޓްރީން ބުނީ އިޒްރޭލް ސިފައިން ބަޑި ޖެހުމުގެ ސަބަބުން 17 އަހަރުގެ ކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ. ދެ ވަނަ މީހާ ޝަހީދުވީ އިރުމަތީ ގުދުސްގައި ދިން ހަމަލާތަކެއްގަ އެވެ. ހަތަރު ވަނަ މީހާ ޝަހީދުވީ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހުޅަނގު އައްސޭރީގައި ދިން ބަޑީގެ ހަމަލާތަކެއްގަ އެވެ.

އިޒްރޭލް ސިފައިން ބުނީ މިއަދުގެ ހަމަނުޖެހުންތަކުގައި ހަތަރު އޮފިސަރުން ޒަޚަމްވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު އަގްސާ މިސްކިތް ހިމެނޭ ސަަރަހައްދުގައި ދިން ހަމަލާތަކަށް ފަހު އިޒްރޭލުން ވަނީ މިސްކިތް ދެ ދުވަހަށް ބަންދުކޮށްފަ އެވެ. އަލުން ހުޅުވި އިރު ވަނީ ގޭޓްތަކުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފަ އެވެ. ފަލަސްތީނުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އަދި އަގްސާ މިސްކިތަށް އިޒްރޭލަށް ވެރިވެނުގަނެވޭނެ ކަމަށް ދަނީ ބުނަމުންނެވެ.