އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފި

ތެހެރާން (ޖުލައި 23) - އީރާނުން އާ މިސައިލް ޕްރޮގްރާމެއް އިއުލާންކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.


އީރާނުގެ ޑިފެންސް މިނިސްޓަރު ހުސައިން ދަހުގާން ވިދާޅުވީ ސައިދު 3 އަކީ 27 ކިލޯ މީޓަރު އުހުން 120 ކިލޯ މީޓަރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމަށެވެ. އީރާނުގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ މިއީ ރާޑަރަށް ނާރާ ހަނގުރާމައިގެ ބޯޓު ފަހަރަށް ވެސް ހަމަލާ ދެވޭވަރުގެ މިސައިލެއް ކަމަށެވެ.

ދަހުގާން ވިދާޅުވީ އެމެރިކާ އާއި ސައުދީ އަރަބިއާ އިން ދާދި ފަހުން ގާއިމްކުރި 110 ބިލިއަން ޑޮލަރުގެ ހަތިޔާރު އެއްބަސްވުމަކީ އީރާނަށް ހުރި ނުރައްކަލެއް ކަމަށެވެ.

އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމް މައްސަލައިގައި އެމެރިކާ އިން މިދިޔަ ހަފުތާގައި ވަނީ އިގްތިސާދީ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު އެމެރިކާ އިން ވަނީ 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލު ކުރާ ކަމަށް ބުނެފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުން އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ ރާގު ބަދަލުވެފަ އެވެ.