ޕޮލެންޑުން ކޯޓުތަކަށް ގެންނަ ބަދަލާ ގުޅިގެން އީޔޫ އިން ފިޔަވަޅު އަޅަނީ

ވޯސޯ (ޖުލައި 27) - ޕޮލެންޑުގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ސިޔާސީ ފަރާތްތަކަށް ލިބޭ ގޮތަށް ގެންނަ ބަދަލާ ގުޅިގެން އެ ގައުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފި އެވެ.


ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޓަޔާ ކުރަން މަޖްބޫރުކޮށް ފަނޑިޔާރުންނަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާ ނަމަ އީޔޫގައި އޮންނަ ވޯޓުލުމުގެ ހައްްގު ޕޮލެންޑުގެ ކިބައިން ނަގާނެ ކަމަށެވެ. ޚިޔާލުތަފާތުވުން ބޮޑު ދެ ބިލް ޕޮލެންޑުގެ ރައީސް ވަނީ ވީޓޯ ކުރައްވައިފަ އެވެ. ތިން ވަނަ ބިލް ވަނީ ތަސްދީގު ކުރައްވައިފަ އެވެ. ރައީސް ތަސްދީގު ކުރައްވާ ބިލްތައް ވެސް އެ ގައުމުގެ ޕާލަމެންޓުގެ އަޣުލަބިއްޔަތުން އަލުން ފާސްކުރެވެ އެވެ.

އެކަމަކު ސަރުކާރުން އަދިވެސް ދަނީ އެބަދަލުތައްް ގެންނަން މަސައްކަތް ކުރަމުންނެވެ. ބޮޑު ވަޒީރު ބީޓާ ސްޒީލްޑޯ ވިދާޅުވީ މަގުމަތީގެ މުޒާހަރާތަކުން އަދި ބޭރުގެ ޕްރެޝަރަކުން ސަރުކާރުން ގެންނަން އުޅޭ ބަދަލު ނުހުއްޓުވޭނެ ކަމަށެވެ.

އީޔޫ ކޮމިޝަނުން ބުނީ ކޯޓުތަކަށް ގެންނަން އުޅޭ ބަދަލުގެ ސަބަބުން ޕޮލެންޑުގެ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލޭނެ ކަމަށެވެ. އަދި ޕޮލެންޑުން ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލައިފި ނަމަ އީޔޫގެ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

ޕޮލެންޑުގެ ޝަރުއީ ދާއިރާ އަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ގާނޫނު ފާސްވުމާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްތިއުފާ ދޭން ޖެހެ އެވެ. މަގާމުގައި ދެމިތިބޭނީ ކޮން ފަނޑިޔާރުންނެއްތޯ ނިންމާނީ ޖަސްޓިސް މިނިސްޓަރެވެ. ދެ ވަނަ ބިލުގައިވާ ގޮތުން ނޭޝަނަލް ޖޫޑިޝަރީ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމުގެ ބާރު ދީފައިވަނީ ސިޔާސީ ފަރާތްތަކުންނެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނޮމިނޭޓް ކުރާނީ މި ކައުންސިލުންނެވެ. ތިން ވަނަ ބިލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވަކިކޮށް އައްޔަން ކުރުމުގެ ބާރުދީފައި ވަނީ ޖަސްޓިސް މިނިސްޓަރަށެވެ.