ވެނެޒުއެލާ އަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަމެއް ނޫން: ޓްރަމްޕް

ވޮޝިންޓަން (އޮގަސްޓް 12) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ބޯހަރުވެ ރައްޔިތުން ދައްކާ ވާހަކަ އަޑު ނާއްސަވާތީ އެ ގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނެތް ކަމަށް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.


"ވެނެޒުއެލާގެ ރައްޔިތުން ދަނީ އެތައް ވޭނެއް ތަހައްމަލްކޮށް ދަތިހާލުގައި މަރުވަމުން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ އިންޒާރަށް ރައްދު ދެއްވާ ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޑްރިނޯ ވަނީ "އެއީ މޮޔަ ވާހަކަތަކެއް" ކަމަށް ވިދާޅުވެފަ އެވެ.

ވެނެޒުއެލާގައި މިދިޔަ މަހު 30 ވަނަ ދުވަހު ޕާލަމެންޓް އިންތިޚާބު ރައީސް މަދޫރޯ ބޭއްވީ ގަދަ ބާރުންނެވެ. އަދި އަލަށް އެކުލަވާލި ގާނޫނު ހަދާ މަޖިލީހުން ދަނީ ގާނޫނު އަސާސީ އަށް ބަދަލު ގެނެސް މަދޫރޯގެ ބާރުގަދަވާ ގޮތަށް މަސައްކަތް ކުރަމުންނެވެ. މިކަންކަމާ ގުޅިގެން މަދޫރޯ އަކީ ޚުދުމުޚްތާރު ވެރިއެއް ކަމަށް ބުނެ އެމެރިކާ އިން ވަނީ އެ ގައުމާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިން ދުނިޔޭގެ އެތައް މިތަނުގައި ތިބޭ ކަމަށާއި އެހެންވެ ވެނެޒުއެލާ އިން ކަންކުރާ ގޮތުން އެ ގައުމަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ދަތިކަމެއް ނޫން ކަމަށެވެ.

ވައިޓް ހައުސް އިން ފަހުން ބުނެފައި ވަނީ ރައީސް ޓްރަމްޕާ ފޯނުން ވާހަކަ ދެއްކުމަށް ރައީސް މަދޫރޯ އެދިވަޑައިގެންފައިވާ ކަމަށެވެ. ރައްދުގައި ވައިޓް ހައުސް އިން ބުނެފައި ވަނީ ވެނެޒުއެލާގައި ޑިމޮކްރެސީ ގާއިމް ކުރުމުން މަދޫރޯ އަށް އުފަލާ އެކު ޓްރަމްޕް ވާހަކަ ދައްކަވާނެ ކަމަށެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ވެނެޒުއެލާގައި ހިންގާ ހަމަނުޖެހުންތަކުގައި ވަނީ 120 މީހުން މަރުވެފަ އެވެ