ރޭޕްކޮށްގެން ބަނޑުބޮޑުވި 10 އަހަރުގެ ކުއްޖާ ވިހައިފި

ނިއު ދިއްލީ (އޮގަސްޓް 17) - ބޮޑު ބޭބެގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިން އިންޑިއާގެ 10 އަހަރުގެ ކުޑަ ކުއްޖާ މިއަދު ވިހައިފި އެވެ.


އެ ކުއްޖާގެ ދަރިވައްޓާލުމުގެ ހުއްދަ އަށް ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ ހުއްދަ މިދިޔަ މަހު ދީފައެއް ނުވެ އެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ. މަންމަ އާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުންޏެވެ.

ކުއްޖާ ބުނެފައި ވަނީ ހަތް މަސްވަން ދެން އޭނާގެ ބޮޑު ބޭބެ އަކު އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. ބޮޑު ބޭބެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާ ބަލިވެ އިންކަން އެނގުނީ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

އެ ކުއްޖާގެ ދަރިވައްޓާލުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައި ނުވަނީ ޑޮކްޓަރުންގެ ޕެނަލެއްގެ ލަފައާ އެކު އެވެ. ޑޮކްޓަރުން ބުނެފައި ވަނީ 32 ހަފުތާގައި ދަރިވައްޓާލުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

ނަމަވެސް ފަހަކަށް އައިސް ވަނީ ރޭޕްކޮށްގެން ބަލިވެ އިންނަ މީހުންގެ ފަރާތުން 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމުގެ ހުއްދަ އަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަންތައް ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ ޑޮކްޓަރުންގެ ޚާއްސަ ޓީމެއްގެ ލަފާގެ މަތިންނެވެ.

ދިހަ އަހަރުގެ ކުއްޖާ ބަނޑު ބޮޑުވި މައްސަލަ ފަޅާ އެރީ އެ ކުއްޖާގެ މަންމަ އަށް ޝައްކުވެގެން ޑޮކްޓަރަކަށް ދެއްކުމުންނެވެ. އެހެން ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.