ދެ އަހަރު ވަންދެން އަހަރެން އޮތީ ޗޭނު ޖަހާފައި: އަލީ ހައިދަރު ގިލާނީ

އިސްލާމްއާބާދު (ޖޫން 28) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގިލާނީގެ ދަރިކަލުން އަލީ ހައިދަރު ގިލާނީ އަލްގައިދާ އިން ވަގަށް ނަގައިގެން ގެންގުޅުނު ތިން އަހަރު ތެރޭން ދެ އަހަރު އޮތީ ޖޭނު ޖަހާފައި ކަމަށް އޭނާ ބުނެފި އެވެ.


ހައިދަރު ވަގަށް ނެގީ ޕާލަމެންޓަރީ އިންތިޚާބަށް ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ކެމްޕޭން ކޮށްދެއްވަން އުޅެނިކޮށް މުލްތާންއިންނެވެ. އަލްގައިދާގެ ބަންދުގައި ހުރި ހައިދަރު މިނިވަން ކުރުމަށް ފައިސާ ހޯދުމާއި ތާލިބާނުންގެ ބޮޑެތި ކުށްވެރިން ޖަލުން ދޫކޮށްލުމަށް އެ ޖަމާއަތުން ވަނީ ހުށަހަޅައިފަ އެވެ. އަދި އޭނާ ހައްޔަރު ކުރީ ބައްޕަ ޔޫސުފް ރަޒާގެ ފަރާތުން ޑިމާންޑްތަކެއް ހާސިލް ކުރުމަށް ކަމަށް ވެސް އަލްގައިދާ އިން ބުނެފައިވެ އެވެ. ހައިދަރު ހައްޔަރު ކުރި އިރު ޕާކިސްތާނުގެ ބޮޑު ވަޒީރަކީ ޔޫސުފް ރަޒާ ގިލާނީ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގިލާނީ. --ފޮޓޯ:ބީބީސީ

"އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިން މަރާލި އިރު ބޮޑު ވަޒީރަކީ ބައްޕަ. އަދި ބައްޕަ ވަނީ ސައުތު ވަޒިރިސްތާނުގައި ތާލިބާނުންނާއި އަލްގައިދާއާ ދެކޮޅަށް އޮޕަރޭޝަނެއް ވެސް ފަށާފައި. އަދި އެ މީހުން ބުނި އަހަރެން ވަގަށް ނެގީ މި ކަންކަމުގެ ބަދަލު ހިފުމަށް ކަމަށް،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވަގަށް ނަގައިގެން ފުރަތަމަ ގެންދިޔައީ ޕަންޖާބުގެ ފައިސަލްއާބާދަށެވެ. ދެން ގެންދިޔައީ ނޯތު ވަޒިރިސްތާނަށެވެ. ހައިދަރު ވިދާޅުވީ އަލްގައިދާގެ ބެލުގެ ދަށުގައި ހުރި ދެ އަހަރު ވަންދެން ޗޭނު ޖަހާފައި ބޭއްވި ކަމަށެވެ.

"އަހަރެން ބާއްވާފައި އޮތީ ކުޑަ ކޮޓަރިއެއްގައި. އެއް އަހަރާ ދެ މަސްވަންދެން ބޭރެއް ނުފެނޭ. އަހަރެންގެ އާއިލާގެ މަތިން ވަރަށް ހަނދާންވި. އަދި އަހަރެންގެ ކުޑަ ދަރިފުޅަށްޓަކައި ވެސް ސަލާމަތްވާން ޖެހޭނެ ކަމަށް ގަބޫލްކުރިން،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ސަލާމަތްކޮށްގެން އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރަކުން ހައިދަރު ބާލަނީ. --ފޮޓޯ:ބީބީސީ

ހައިދަރު ވަގަށް ނެގި އިރު އޭނާގެ ދަރިފުޅު މުހައްމަދު ޖަމާލުއްދީން ވަރަށް ކުޑަ އެވެ. ހައިދަރު ވިދާޅުވީ ބަންދުގައި އޮތް އިރު އެންމެ ދެރަވީ ދަރިފުޅުގެ ހަޔާތުގެ މުހިންމު ދުވަސްތަކުގައި ބައިވެރި ނުވެވޭތީ ކަމަށެވެ.

ހައިދަރު ވިދާޅުވީ އަލްގައިދާގެ ހަނގުރާމަވެރިން އޭނާ އަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ނުކުރާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ މީހުން މަސައްކަތް ކުރީ ނަފްސާނީ ގޮތުން އޭނާ ބަލިކޮށްލަން ކަމަށް ވިދާޅުވި އެވެ. އަދި އަމިއްލަ ފުރާނައާ މެދު އަބަދުވެސް އޮންނަނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ އޭނާ އޮންނަން ޖެހުނީ ހަނގުރާމައިގެ ޒޯނެއްގައި ކަމަށާއި ޑްރޯންތަކާއި ޖެޓްތަކުގެ ހަމަލާތަކުގެ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. މި ގޮތުން ޖެނުއަރީ މަހު ދިން ޑްރޯން ހަމަލާއަކަށް ފަހު އަލްގައިދާ އިން ހައިދަރު ތާލިބާނުންނަށް ހަވާލު ކުރަން ބޭނުންވި ކަމަށް ވިދާޅުވި އެވެ. އަދި ތާލިބާނުންގެ ބެލުމުގެ ދަށުގައި ހުއްޓާ ޕާކިސްތާން ސިފައިން ހަމަލާ ދޭން އުޅޭތީ ސަރަހައްދު ދޫކޮށް އެ މީހުން ހައިދަރު ގޮވައިގެން އަފްޣާނިސްތާނަށް ދިޔަ އެވެ. އޭރު ވެސް އަލްގައިދާގެ ހަނގުރާމަވެރިއަކު ހައިދަރާ އެކު ހަރަކާތްތެރިވި އެވެ. އެކަމަކު ހައިދަރު ވިދާޅުވީ އޭރު އޭނާ ޗޭނު ދޫކޮށްލާފައިވާ ކަމަށާއި އަދި ރޭޑިއޯއެއް ވެސް ދީފައިވާ ކަމަށެވެ.

ހައިދަރު ސަލާމަތްވުމުން ކުޑަ ދަރިފުޅު އުފާފާޅު ކުރަނީ. --ފޮޓޯ:ބީބީސީ

ހައިދަރު ވިދާޅުވީ އަފްޣާނިސްތާނުގައި ހޭދަކުރި ދެ މަސްދުވަހު ތެރޭ އޭނާ ބެލެހެއްޓުމަށް ޕާކިސްތާން ތާލިބާން ހަނގުރާމަވެރިއަކާއި އަލްގައިދާގެ ހަނގުރާމަވެރިއަކު އުޅުނު ކަމަށެވެ. އަދި މެއި 9 ވަނަ ދުވަހު އެ މީހުން ވަނީ އެމެރިކާ އިން ހަމަލާއެއް ދޭން އުޅޭތީ އެ މީހުން ތިބި ތަނުން ދާން ޖެހޭކަން އަންގައިފަ އެވެ.

"އެ ތަނުން ނައްޓާލީ ރޭގަނޑު. ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރު ހިނގި ފަހުން ހެލިކޮޕްޓަރުން ބަޑީގެ އަޑު އިވެން ފެށި. އަހަރެން އޮށޯތީ. ދެން އަހަރެންގެ ގަމީސް ބާލާ އަތް މައްޗަށް ނަގަން ކޮންމެވެސް މީހަކު އެންގި. އަދި މީހަކު އައިސް އަހަރެންގެ ދެ އަތް އެއްސި،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ އޭނާ އަކީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރުގެ ދަރިކަލުން ކަން އެ މީހުން ގާތު ބުނި ކަމަށެވެ.

"އެ މީހުން ފުރަތަމަ އަހަރެން ދެއްކި ވާހަކަ ގަބޫލެއް ނުކުރި. އެކަމަކު ފަހުން އެ މީހުން ވަނީ އަހަރެން ދެއްކި ވާހަކަތައް ޔަގީންކޮށްފައި. އަދި ހެލިކޮޕްޓަރުގައި އިން އެމެރިކާ ސިފައިންގެ މީހާ ބުނީ އަހަރެން މި ދަނީ އަމިއްލަ ގައުމަށް ކަމަށް،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ހަައްޔަރު ކުރުމުގެ ކުރިން އޭނާގެ ކުޑަ ދަރިފުޅާ އެކު. --ފޮޓޯ:ބީބީސީ

ހައިދަރު ފުރަތަމަ ގެންދިޔައީ ބަގުރާމް ވައިގެ މަރުކަޒަށެވެ. އަނެއް ދުވަހު އޭނާ ގެންދިޔައީ ކާބުލް އަށެވެ. އަދި އެ ތަނުން ވަނީ އާއިލާގެ ބައެއް މެންބަރުންނާ ބައްދަލުކޮށްފަ އެވެ. އޭގެ ފަހުން މުލްތާނަށް ދިއުމުން ހައިދަރުގެ އާއިލާ އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

"ފުރަތަމަ މަންމަ ގައިގައި ބައްދާލުމަަށް ފަހު ދަރިފުޅު ކައިރިއަށް ދިޔައީ. އަހަރެން ހީކުރީ އޭނާ އަށް ނޭނގޭ ކަމަށް. އެކަމަކު ބާބާއޭ ކިޔާފައި އަހަރެންނަށް ގޮވާލި،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލްގައިދާ އާއި ތާލިބާނުންގެ ބަންދުގައި ހުރި ދުވަސްތަކާ ގުޅޭ ގޮތުން ފޮތެއް ލިޔަމުން އަންނަ ކަމަށެވެ. އަދި ސިޔާސީ ކަންކަމަކީ އޭނާގެ ލޭ ކަމަށާއި އަލުން ސިޔާސީ މައިދާނަށް ނުކުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.