ސައުދީ ރަސްގެފާނުގެ މޮރޮކޯ ޗުއްޓީ އަށް 100 މިލިއަން ޑޮލަރު

ރިޔާޒް (އޮގަސްޓް 24) - ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް މޮރޮކޯގައި ހޭދަކުރެއްވި މަހެއްހާ ދުވަހުގެ ޗުއްޓީ އަށް 100 މިލިއަން ޑޮލަރު ޚަރަދު ކުރެއްވި ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.


މޮރޮކޯގެ ތާންޖިއާގައިވާ ރަސްގެފާނުގެ 74 އޭކަރުގެ ސަރަހައްދުގައި ހޭދަ ކުރެއްވި ޗުއްޓީ އަށް އެމަނިކުފާނާ އެކު 1،000 މީހުން ގެންދެވި އެވެ. އޭގެ ތެރޭގައި ވަޒީރުންނާއި އެޑްވައިޒަރުންނާއި ތިމާގެ ބޭފުޅުންނާއި ސެކިއުރިޓީ އޮފިސަރުން ހިމެނެ އެވެ. ތާންޖިއާ އިން ވަނީ 800 ހޮޓާ ބުކްކޮށްފަ އެވެ. އަދި 200 ވެހިކަލް ވަނީ ރިޒާވްކޮށްފަ އެވެ. އޭގެ ތެރޭގައި 100 މާސިޑީޒް އާއި ރޭންޖް ރޯވާސް ވެސް ހިމެނެ އެވެ.

މޮރޮކޯގައި ސައުދީ ރަސްގެފާން ޗުއްޓީ ހޭދަކުރެއްވި ތާންޖިއާ.

މީގެ އިތުރުން ރަސްގެފާން ދަތުރު ކުރެއްވުމަށް ޚާއްސަ ވެހިކަލްތައް ވަނީ ގެންގޮސްފަ އެވެ. ރަސްގެފާނުގެ ފަރިއްކޮޅުގެ ކަންތައް ހަމަޖައްސާފައި ވަނީ އެކަމަށް ޚާއްސަ ކޭޓާރިން ކުންފުންޏެއްގެ ބެލުމުގެ ދަށުންނެވެ. މޮރޮކޯގައިވާ ރަސްގެފާނުގެ ޕްރޮޕަޓީގައި ހެލިޕެޑަކާއި ހޮސްޕިޓަލަކާއި ލަގްޒަރީ ރެސްޓޯރެންޓްތައް ވެސް ވަނީ ހަދައިފަ އެވެ. މޮރޮކޯގެ އިތުރުން ސްޕޭނާއި ފްރާންސްގައި ވެސް ސައުދީ ރަސްގެފާނުގެ ގަނޑުވަރު ހުރެ އެވެ.

ރަސްގެފާން ސަލަމާނުގެ ޗުއްޓީގެ ސަބަބުން މޮރޮކޯގެ ޓޫރިޒަމަށް ވެސް ބޮޑު ފައިދާއެއްވެފައިވާ ކަމަށް އިޒްރޭލުގެ ނޫހުން ބުނެ އެވެ. މޮރޮކޯގެ ޓޫރިޒަމް އާމްދަނީގެ 1.5 ޕަސެންޓުގެ ހިއްސާއެއް ވެދީފައި ވަނީ ސަލްމާން ރަސްގެފާން ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ. ޓޫރިޒަމް އާމްދަނީގެ ގޮތުގައި މޮރޮކޯ އަށް މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 6.5 ބިލިއަން ޑޮލަރެވެ.

މޮރޮކޯގައި ސައުދީ ރަސްގެފާން ޗުއްޓީ ހޭދަކުރެއްވި ތާންޖިއާ.

މޮރޮކޯގައި ހޭދަކުރެއްވި ޗުއްޓީ އަށް ފަހު ސައުދީ ރަސްގެފާން އެ ގައުމުން ފުރާވަޑައިގަތީ އިއްޔެ ހެނދުނެވެ. އަދި އިއްޔެ ހަވީރު ވަނީ ޖިއްދާ އަށް ވަޑައިގެންފަ އެވެ.