ޖަރުމަނުގެ ނަރުސް 84 ބަލި މީހުން މަރާފައިވާނެ ކަމަށް ބެލެވޭ

ބާލިން (އޮގަސްޓް 29) - ބަލި ދެ މީހަކު މަރާލުމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށްލާފައިވާ ޖަރުމަނުގެ ކުރީގެ ނަރުސް އިތުރު 84 ބަލި މީހަކު މަރާފައިވާނެ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.


މި ކުށްތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ ނީލްސް އެޗް. ގެ ނަންދީފައިވާ ނަރުސް ވެގެން ދާނީ ބޮޑު ހަނގުރާމަ އަށް ފަހު ޖަރުމަނުގައި އެންމެ ގިނަ މީހުން މެރި ކުށްވެރިޔާ އަށެވެ. ނަރުސް ފަރުވާ ދީގެން މަރުވި ބައެއް މީހުންގެ ހަށިތައް ކޮނެގެން ނަގާ ތަހުގީގު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޖަރުމަނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ އޯލްޑެންބާގުގެ ފުލުހުންގެ ވެރިޔާ ޖޯހަން ކުއެހްމީ ވިދާޅުވީ ނަރުސް ފަރުވާ ދިން 84 މީހެއްގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ނަރުސް "ފަރުވާ" ދީގެން މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވާނެ ކަމަށެވެ.

ކުރިން ބޭއްވި ޝަރީއަތުގައި އުމުރުން 40 އަހަރުގެ ނަރުސް ވަނީ ބަލި މީހުންނަށް ގަސްދުގައި ވިހަ އިންޖެކްޝަން ޖެހި ކަމަށް އެއްބަސްވެފަ އެވެ. މި ގޮތުން ދެ މީހުން މެރި ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފަ އެވެ. އެޗްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އޯލްޑެންބާގުގެ ކޯޓަކުން އިއްވީ ފެބްރުއަރީ 2015 ގަ އެވެ.

ބަލި މީހުން މެރި ކަމަށް ނަރުސް އިއުތިރާފްވުމާ ގުޅިގެން މަރުތައް ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދި އެވެ. ކޮމިޝަނުން ވަނީ އެތައް މެޑިކަލް ރެކޯޑެއް ބަލާ 100 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ކޮނެގެން ނަގާ ޓެސްޓްކޮށްފަ އެވެ. ޖޫން 2016 ގައި ޕްރޮސެކިއުޓަރުން ވަނީ ނަރުސް 33 މީހުން މަރާފައިވާ ކަމަށް ނިންމައިފަ އެވެ. ބަލި މީހުންނަށް ނަރުސް ދިން ބޭހުގެ ސަބަބުން ހިތް ހުއްޓި އަދި ސާކިއުލޭޝަން ސިސްޓަމް ހުއްޓެ އެވެ.

ޖަރުމަން ފުލުހުން ބުނީ މަރުގެ އާ މައްސަލަތަކުގެ ޝަރީއަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.