ފްރާންސްގެ އާ ރައީސްގެ މޭކަޕަށް 30،000 ޑޮލަރު

ޕެރިސް (އޮގަސްޓް 31) - ފްރާންސްގެ އާ ރައީސް އެމެނުއަލް މޭކޮންގެ މޭކަޕަށް ތިން މަސް ދުވަސްތެރޭ 26،000 ޔޫރޯ (30،000 ޑޮލަރު) ހޭދަކޮށްފައިވާ ކަމަށް އެ ގައުމުގެ މަޖައްލާއަކުން ބުނެފި އެވެ.


ފްރާންސްގެ ލެ ޕޮއިންޓް މަޖައްލާ އިން ބުނީ އުމުރުން 39 އަހަރުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މޭކަޕަށް މަހަކު އެވްރެޖްކޮށް 10،000 ޑޮލަރު އަދި ދުވާލަކަށް ބަލާ ނަމަ 330 ޑޮލަރު ހޭދަކުރައްވާފައި ވަނީ ޓެކްސް ދައްކާ މީހުންގެ ފައިސާ އިން ކަމަށެވެ. ލެ ޕޮއިންޓުން ބުނީ ރައީސް މޭކޮން މޭކަޕް ކުރުމަށް ރިޔާސީ ގަނޑުވަރު އެލީސީ ޕެލަސް އިން ވަނީ ދެ ފަހަރެއްގެ މަތިން މޭކަޕް އާޓިސްޓަކަށް ބޮޑު ހޭދައެއްކޮށްފައި ކަމަށެވެ. އެއް ފަހަރު 10،000 ޔޫރޯ އަދި އަނެއް ފަހަރު 16،000 ޔޫރޯ ރައީސްގެ މޭކަޕަށް ހޭދަކުރި ކަމަށް ބުނެފައިވެ އެވެ. މި ޚަބަރު އާއްމުވުމާ ގުޅިގެން އެލީސީ ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވީ މޭކަޕް ބަޖެޓް ވަރަށް ބޮޑަށް ކުޑަކުރާނެ ކަމަށެވެ.

އާ ރައީސްގެ މޭކަޕަަށް ބޮޑު ހޭދައެއްކޮށްފައިވާ އިރު ފްރާންސްގެ ކުރީގެ ރައީސް ފްރާންސުވާ އޮލެންޑާގެ އިސްތަށިފުޅު ކޮއްޓެވުމަށް ވަނީ މަހަކު 11،000 ޑޮލަރު ހޭދަކުރައްވައިފަ އެވެ.