ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ބަޔަކު ހައްޖުގައި

މައްކާ (އޮގަސްޓް 31) - ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރި އުޒްބެކިސްތާނުގެ 75 މީހަކު މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ކަމަށް މައްކާ ޑެއިލީން ބުނެފި އެވެ.


އުޒްބެކް ރިލިޖަސް އެފެއާޒް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހައިދަރު ސުލްތާން ވިދާޅުވީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރި އުޒްބެކިސްތާން މީހުންގެ ތެރޭން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ އުމުރު އުޅެނީ 95-105 އަހަރާ ދެމެދު ކަމަށެވެ. އަދި އެ މީހުން ހައްޖުގެ އަޅުކަން އަދާ ކުރަނީ އުމުރުގައި ވެސް ފުރަތަމަ ފަހަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުމުރުން އެއް ފަހަރު އަދާކުރަން ޖެހޭ މި އަޅުކަމަށް މައްކާ އަށް ދެވުނީތީ އެ މީހުން ތިބީ ވަރަށް އުފަލުން،" އޮފިޝަލް ވިދާޅުވި އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރި އުޒްބެކިސްތާން މީހަކު މައްކާގައި ސައުދީ ނޫހަކަށް އިންޓަވިއު ދެނީ.

މީގެ ތެރޭން ބައެއް މީހުން ބުނި ގޮތުގައި ހަނގުރާމައިގައި އެ މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފަ އެވެ. އަދި މަރުގެ އެތައް ހަމަލާއަކުން ސަލާމާތްވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

ސުލްތާން ވިދާޅުވީ މީގެ ތެރޭން ބައެއް މީހުން ހައްޔަށް ދިޔައީ އަނބި ދަރިން ގޮވައިގެން ކަމަށެވެ. އެ މީހުންނާ އެކު ވަނީ ޑޮކްޓަރުން ވެސް ސައުދީ އަށް ފޮނުވައިފަ އެވެ. ތުުރުކީ، ޔޫރަޕް، އެމެރިކާ އަދި އޮސްޓްރޭލިއާ އިން ހައްޖަށް ދިޔަ މީހުންގެ ފަރާތުން ދެ ވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި އުޒްބެކިސްތާނުގެ ހައްޖާޖީންނަށް އެހީތެރިކަން ލިބޭކަން ސުލްތާން ފާހަގަ ކުރެއްވި އެވެ.