މެލޭޝިއާއިން އާ ފިޔަވަޅެއް: ބޯޑުގައި އަންހެނަކު ނެތް ކުންފުނިތަކުގެ ނަންތައް އިއުލާންކުރަނީ

ބޯޑުގައި އަންހެން މެމްބަރަކު ނެތް ކުންފުނިތައް އަންނަ އަހަރުން ފެށިގެން އާންމުކޮށް އިއުލާންކުރާ ގޮތަށް މެލޭޝިއާ ސަރުކާރުން ހަމަޖައްސައިފި އެވެ. އަދި އެފަދަ ކުންފުނިތަކަށް ސަރުކާރުގެ އެއްވެސް ކޮންޓްރެކްޓެއް ނުދޭނެކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.


އެއް ބަޔަކަށް މިއީ އިގުތިސާދުގައި އަންހެނުންގެ ދައުރު ބޮޑުކުރުމުގެ ފިޔަވަޅެކެވެ. އަނެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި އެއީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އިސްތަށިފުޅުގައި އެޅިފައިވާ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކުން ސަލާމަތްވެ، އާންމުންގެ ސަޕޯޓް ބޮޑުކުރަން އަޅާ ފިޔަވަޅެކެވެ.

ސަރުކާރުގެ އާ ނިންމުން އިއުލާންކުރެއްވީ އިގުތިސާދުގައި އަންހެނުންގެ ދައުރާ ބެހޭ ގޮތުން އޮތް ބައްދަލުވުމެއްގައި ނަޖީބެވެ.

ޔޫރަޕާއި އެމެރިކާ އަށް ވުރެ އޭޝިއާގެ ގައުމުތަކުގެ ކުންފުނިތަކުގައި މަތީ މަގާމުތައް އަދާކުރާ އަންހެނުންގެ ނިސްބަތް ދަށެވެ.

މެލޭޝިއާގެ އިގުތިސާދުގައި އަންހެނުން އަދާކުރަމުން އަންނަ ރޯލަށް ތައުރީފުކުރައްވަމުން ނަޖީބު ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގެ 35 ޕަސެންޓަކީ އަންހެނުން ކަމަށެވެ.

ދާދި ފަހުން ކުރި ސާވޭއަކުން އެނގުނު ގޮތުގައި އަމިއްލަ ކުންފުނިތަކުގެ ބޯޑުތަކުގައި ތިބި އަންހެނުންގެ ނިސްބަތަކީ އެންމެ 14 ޕަސެންޓެވެ. ދުނިޔޭގެ ނިސްބަތުން އެ އަދަދު ދަށް ނަމަވެސް އޭޝިއާއަށް ބަލާއިރު އުޅެނީ އެންމެ ކުރީގަ އެވެ.

ޖަޕާންގައި ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ތެރޭގައި އަންހެނުން ހިމެނޭ ނިސްބަތް ހަތަރު ޕަސެންޓްގައި އުޅޭ އިރު ދެކުނު ކޮރެޔާގައި 2.5 ޕަސެންޓެވެ.

މެލޭޝިއާ އިން ކުރިން ކަނޑައަޅާފައި އޮތީ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ އަންހެނުންގެ ނިސްބަތް 30 ޕަސެންޓަށް ގެންދާށެވެ. އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި ނަޖީބުގެ ކެބިނެޓަށް ބަލާއިރު ވެސް އަންހެނުން ބާރުވެރިކުރުވުމުގެ މަގުސަދު ހާސިލެއް ނުވެ އެވެ. ކެބިނެޓްގައި ތިއްބެވި އަންހެން ތިން މިނިސްޓަރަކީ މުޅި ކެބިނެޓްގެ 10 ޕަސެންޓެވެ.

މެލޭޝިއާ އިން އާ އިންތިހާބަކާ ކުރިމަތިލާ އިރު ނަޖީބުގެ ނަމަށް އައި ކިލަނބުކަން ފިލުވާލަން އެތައް މަސައްކަތެއް ކުރާނެ ކަމަށް، ސިޔާސީ ފަރާތްތަކުން ދެކެ އެވެ.

އޭނާގެ އަމިއްލަ ބޭންކް އެކައުންޓްތަކުގައި 700 މިލިއަން ޑޮލަރު ހުރިކަން މިދިއަ އަހަރު ފަޅާއެރި އެވެ. އެކަމަކު ފަހުން އެ ފައިސާ ވީ ސައުދީ އަރަބިއްޔާ އިން ދިން އެހީއަކަށެވެ.