މިއަންމާގެ 270،000 ރެފިއުޖީން ބަންގްލަދޭޝް އަށް ވަދެއްޖެ

ޑާކާ (ސެޕްޓެމްބަރު 8) - މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 ވަނަ ދުވަހު ހަމަނުޖެހުން ފެށި ފަހުން ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ 270،000 މުސްލިމް ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ބުނެފި އެވެ.


ރެފިއުޖީ އެޖެންސީގެ ތަރުޖަމާން ވިވިއަން ޓޭން ވިދާޅުވީ ބުރާސްފަތި ދުވަހާ ހަމައަށް ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު 164،000 ގައި ހުރުމަށް ފަހު ކުއްލިއަކަށް އަދަދު މައްޗަށް ދިޔައީ ބޯޑަރު އޭރިއާގައި ތިބި ގިނަ ބަޔަކު ބޯޑަރު ހުރަސްކޮށްފައިވާކަން އެޖެންސީ އަށް ފާހަގަވުމުން ކަމަށެވެ.

އދ.ގ އޮފިޝަލުން ބުނީ ރަކީން ސްޓޭޓުގައި އެންމެ ފަހުން ހަމަނުޖެހުން ހިނގަން ފެށި ފަހުން މުސްލިމުންގެ 1،000 މީހުން މަރާފައިވާ ކަމަށެވެ.

ނަވާރަސަތޭކަ ހަތް ދިހައިގެ އަހަރުތަކުގެ ފަހުން ރޮހިންޖާ ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ވަނީ ރަކީން ސްޓޭޓް ދޫކޮށް އެކި ގައުމުތަކަށް ހިޖުރަކޮށްފަ އެވެ. ރަކީންގައި ވެސް މިލިއަނެއްހާ ރޮހިންޖާ މުސްލިމުން އުޅެ އެވެ. އެ ސްޓޭޓް ދޫކޮށް ދިޔަ މީހުންގެ ތެރޭން ސައުދީ އަރަބިއާގައި ދެ ލައްކަ މީހުން އަދި ބަންގްލަދޭޝްގައި 625،000 ރެފިއުޖީން އުޅެ އެވެ. އަދި މެލޭޝިއާގައި ވެސް 150،000 ރޮހިންޖާ ރެފިއުޖީން އުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޓޭން ވިދާޅުވީ 1970 ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝްގައި އުޅޭ ރޮހިންޖާ މުސްލިމުންގެ ގޮތުގައި އދ.ގައި ރަޖިސްޓްރީކޮށްފައި ވަނީ 34،000 މީހުން ކަމަށެވެ. ނަވާރަ ސަތޭކަ ފަންސާސް އެއް ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަނުގައި ބަންގްލަދޭޝް އިން ސޮއިކޮށްފައެއް ނުވެ އެވެ. އަދި 1990 ގެ އަހަރުތަކުން ފެށިގެން ބަންގްލަދޭޝް އިން ރެފިއުޖީން ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ. އެހެންވެ ރަޖިސްޓްރީ ނުކުރާ އެތައް ލައްކަ ރެފިއުޖީންނެއް ބަންގްލަދޭޝްގައި އުޅޭނެ ކަމަށް ބެލެވެ އެވެ.