ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަނީ ގަތުލްއާއްމެއް: ބަންގްލަދޭޝް

ޑާކާ (ސެޕްޓެމްބަރު 11) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަނީ ބޮޑު ގަތުލްއާއްމެއް ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭއެޗް މަހްމޫދު އަލީ ވިދާޅުވެއްޖެ އެވެ.


"ބައިނަލްއަގުވާމީ މުޖްތަމައުން ވެސް އެދަނީ ބުނަމުން ގަތުލްއާއްމެކޭ. އަޅުގަނޑުމެން ވެސް މި ބުނަނީ އެއީ ގަތުލްއާއްމެކޭ،" ޑާކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހްމޫދު ވިދާޅުވެއްޖެ އެވެ.

ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އިއްޔެ ވަނީ އަރަބި އަދި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އދ.ގެ އެޖެންސީތަކުގެ ވެރިންނާ ބައްދަލުކޮށްފަ އެވެ. އޭނާ ވިދާޅުވީ ރަކީން ސްޓޭޓުގައި ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި ބަންގްލަދޭޝް އަށް އެތެރެވި ރެފިއުޖީންގެ އަދަދު 300،000 އަށް އަރާ ކަމަށެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންގެ އަދަދު 700،000 އަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިހާރު ބަންގްލަދޭޝް އަށް ގައުމީ މައްސަލައެއް،" މަހްމޫދު ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިދިޔަ މަހު 25 ވަނަ ދުވަހު މިއަންމާގެ ސަލާމަތީ ފަރާތްތަކަށް ބަޔަކު ހަމަލާ ދިން ނަމަވެސް އޭގެ ބަދަލު ރޮހިންޖާ ހުރިހާ މުސްލިމުންގެ ފަރާތުން ހިފައިގެން ނުވާނެ ކަމަށެވެ.

"ރޮހިންޖާ ހުރިހާ މުސްލިމުން މަރަން ޖެހޭތަ؟ ހުރިހާ އަވަށެއް އަންދާލަން ޖެހޭތަ؟ އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" މަހްމޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަންމާއާ އެކު "ހަނގުރާމައަކަށް" ދިއުމުގެ ބަދަލުގައި މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.