ރޮހިންޖާ މުސްލިމުންގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 12) - ރަކީން ސްޓޭޓުގައި މިއަންމާގެ މުސްލިމުންނާ ދެކޮޅަށް ދޭ އަނިޔާތަކާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.


ސަލާމަތީ މަޖިލީހުގެ މި ބައްދަލުވުން ބާއްވަނީ މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެފައި ވަނިކޮށެވެ. ޒައިދު ރާދު ބަޔާން ނެރުއްވިތާ މާގިނައިރެއް ނުވަނީސް ސަލާމަތީ މަޖިލީހުން ވަނީ ރޮހިންޖާ މުސްލިމުންގެ ހާލަތާ ގުޅޭ ގޮތުން ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.

މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ގުޅިގެން އެންމެންގެ ފާޑުކިޔުން ހުއްޓިފައި ވަނީ ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މިއަންމާގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އަށެވެ. އެކަމަނާގެ ބެލުމުގެ ދަށުގައިވާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އދ.ގެ ބަޔާނަށް މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް ނަސްލެއް ނެތިކޮށްލަން މިއަންމާ އިން މަސައްކަތް ކުރާ ކަމަށް އދ. އިން ބުނެފައިވާ ވާހަކަ އަށް މިއަންމާ ސަރުކާރުގެ ބަޔާނުގައި އިޝާރާތްކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ބުނެފައި ވަނީ މިއަންމާ ސިފައިން އަދާކުރަމުން ދަނީ އެ މީހުންގެ ގައުމީ ވާޖިބު ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވަން ހުށަހަޅާފައި ވަނީ އިނގިރޭސި ވިލާތައި ސްވިޑަން އިންނެވެ. ނަމަވެސް މިއަންމާއާ އެކު ވިޔަފާރީގެ ބޮޑު ގުޅުމެއް އޮންނަ ޗައިނާ އިން ދަނީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި މިއަންމާ ދެކޮޅަށް ބަސް ބުނުމަށް ދެކޮޅު ހަދަމުން ކަމަށް ޑިޕްލޮމެޓުން ބުނެ އެވެ.