މިއަންމާ ސިފައިން ދަނީ ގައުމީ ވާޖިބު އަދާކުރަމުން: ފޮރިން މިނިސްޓްރީ

ނޭޕީޑޯ (ސެޕްޓެމްބަރު 12) - މިއަންމާ ސިފައިން ދަނީ އެ މީހުންގެ ގައުމީ ވާޖިބު އަދާކުރަމުން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.


މިއަންމާގެ ފޮރިން މިނިސްޓަރަކީ އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީ އެވެ. މިއަންމާގައި ދަނީ ނަސްލެއް ނެތިކޮށްލުމުގެ މަސައްކަތް ކުރަމުން ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން ވިދާޅުވުމާ އެކު މިއަންމާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެ ކަމަށް މަރުހަބާ ކިޔައިފަ އެވެ. ބަޔާނުގައި ބުނެފައި ވަނީ މިއަންމާ ސިފައިންނަށް ރޮހިންޖާ މުސްލިމުން ދޭ ހަމަލާތައް އދ. ގެ އިތުރުން ވަރަށް ގިނަ ގައުމުތަކުން ކުށްވެރިކުރާތީ އުފާ ކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަންމާ ސިފައިން މުސްލިމުންގެ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރާ ކަމަށް އދ. ގެ ބަޔާނުގައި ބުނެފައިވާ ވާހަކަ އަށް އިޝާރާތް ކޮށްފައެއް ނުވެ އެވެ.

މިއަންމާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ގައުމުގެ ސިފައިން ހިންގާ އޮޕަރޭޝަން ވެސް ދިފާއުކޮށްފަ އެވެ. ސިފައިން ކުރަމުން ދަނީ އެ މީހުންގެ ގައުމީ ވާޖިބުގައި ހިމެނޭ މަސައްކަތެއް ކަމަށާއި އެ މީހުން މަސައްކަތް ކުރަމުން ދަނީ އެންމެ ކުޑަ ގެއްލުމެއް ލިބޭނެ ގޮތަށް އެ މީހުންގެ މައްޗަށް ކޮށްފައިވާ އަމުރާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަންމާގެ މުސްލިމުންގެ ހައްގުތަކަށް އެ ގައުމުގެ ސިފައިން އަރައިގަންނަމުންދާ އިރު ސިފައިން ދިފާއު ކުރާތީ އަން ސަން ސޫކީ އަށް ވަނީ މުޅި ދުނިޔޭގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެކަމަނާ އަށް ދީފައިވާ ނޯބެލް ސުލްހައިގެ އިނާމު އަތުލުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބަޔާނަށް ފަހު މާގިނައިރުތަކެއް ނުވެ ސަލާމަތީ މަޖިލީހުން ވަނީ ރޮހިންޖާ މުސްލިމުންގެ މައްސަލައާ ގުޅޭ ގޮތުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.