އދ. އަކީ ދޮގު ހަދާ ތަނެއް: ވެނެޒުއެލާ

ކަރާކަސް (ސެޕްޓެމްބަރު 12) - އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަކީ ދޮގު ހަދާ ތަނެއް ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެފި އެވެ.


ވެނެޒުއެލާގެ ފޮރިން މިނިސްޓަރު ޖޯޖް އައްރެޒާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ވެނެޒުއެލާގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވުމާ ގުޅިގެންނެވެ. ވެނެޒުއެލާގައި އިތުރު ހަމަނުޖެހުންތައް އުފެދިދާނެކަމުގެ ބިރު ބޮޑު ކަމަށް ވެސް ޒައިދު ރާދު ވިދާޅުވެފައިވެ އެވެ.

ވެނެޒުއެލާ ސަރުކާރާ ދެކޮޅު ހަރަކާތްތައް މިދިޔަ އެޕްރީލް މަހު 1 ވަނަ ދުވަހު ހިނގަން ފެށި ފަހުން މިހާތަނަށް ވަނީ 120 މީހުން މަރުވެފަ އެވެ.

ޖެނީވާގައި ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒައިދު ރާދު އިއްޔެ ވިދާޅުވެފައި ވަނީ އޭނާގެ އޮފީހުން މިދިޔަ މަހު ނެރުނު ރިޕޯޓުގައި ވާނީ ހަމަނުޖެހުންތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ވެނެޒުއެލާ ސިފައިން އެކަށީގެންވާ މިންވަރަށް ވުރެ ގަދަ ބާރު ބޭނުން ކުރާކަން ފާހަގަކޮށްފައި ކަމަށެވެ.

"ކޮމިޝަނުގެ ތަހުގީގުތަކުން އެނގޭ ގޮތުގައި ވެނެޒުއެލާގައި ދަނީ އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގަމުން. ވެނެޒުއެލާ ސަރުކާރުން ދަނީ ޑިމޮކްރެޓިކް މުއައްސަސާތައް ފުނޑާލަމުން. ފާޑު ކިޔާ ފަރާތްތަކުގެ އަނގަ ބަންދުކުރަމުން. އޭގެ ތެރޭގައި އިދިިކޮޅު ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުން ހިމެނޭ. ހެކި ނެތި ދަނީ މީހުން ހައްޔަރު ކުރަމުން. ގައިދީންނަށް ދަނީ އިހާނެތިކޮށް ހިތަމުން. ސަލާމަތީ ފަރާތްތަކުން ދަނީ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރަމުން. މިއީ އޭގެ ސަބަބުން އިތުރު ހަމަނުޖެހުންތައް އުފެދިދާނެ ކަންކަން،" ޒައިދު ރާދު ވިދާޅުވެފައިވެ އެވެ.

ވެނެޒުއެލާގެ ފޮރިން މިނިސްޓަރު އައްރެޒާ ވިދާޅުވީ ޒައިދު ރާދުގެ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ވެނެޒުއެލާއާ ދެކޮޅަށް ޒައިދު ރާދު ހިންގަވާ ކަންކަން ހުއްޓަވާލެއްވުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.