ސިންގަޕޫރު ކައިރީ ދެ ބޯޓު ޖެހި ފަސް މީހުން ގެއްލިއްޖެ

ސިންގަޕޫރު (ސެޕްޓެމްބަރު 13) - ސިންގަޕޫރު ކައިރީ ދެ ބޯޓު ޖެހި ފަސް މީހުން ގެއްލިފައިވާ ކަމަށް ޕޯޓް އޮތޯރިޓީން ބުނެފި އެވެ.


އިންޑޮނީޝިއާގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަކާއި ޑޮމިނިކަށް ރިޕަބްލިކުގައި ރަޖިސްޓްރީކޮށްފައިވާ ޑްރެޖަރު ޖެހުނު އިރު ޑްރެޖަރުގައި 12 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ޗައިނާގެ 11 މީހުންނާއި މެލޭޝިއާގެ އެކަކު ހިމެނެ އެވެ. ޗައިނާގެ ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޓޭންކަރުގައި ތިބި އިންޑޮނީޝިއާގެ 26 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

އެކްސިޑެންޓް ހިނގުމާ އެކު ޑްރެޖަރު ވަނީ އަޑިއަށް ގޮސްފަ އެވެ. ޓޭންކަރުގެ އެއް ފަރާތަށް ގެއްލުން ލިބިފައިވާ ކަމަށް ސިންގަޕޫރު މެރިޓައިމް ޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި މީހުން ހޯދާ އުޅަނދުތަކާއި ހެލިކޮޕްޓަރުތައް ވަނީ އެކްސިޑެންޓްވި ތަނަށް ފޮނުވައިފަ އެވެ. އެކްސިޑެންޓް ހިނގި ނަމަވެސް ސިންގަޕޫރު ސްޓްރައިޓުގެ ޝިޕިން އަށް އެއްވެސް ބުރުލެއް އަރައިފައެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ސިންގަޕޫރު ކައިރީ އެމެރިކާގެ މަނަވަރަކާއި ތެޔޮ ޓޭންކަރެއް ޖެހި އެމެރިކާ ސިފައިންގެ 10 މީހުން މަރުވި ހާދިސާ ހިނގިތާ މަހެއް ވެސް ނުވަނީހެވެ.