ފާޑުކިޔުންތަކާ އެކު ސޫކީގެ އދ. ދަތުރު ކެންސަލްކޮށްފި

ނޭޕީޑޯ (ސެޕްޓެމްބަރު 13) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އަށް މުޅި ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރައްވައިފި އެވެ.


މިއަންމާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ސްޓޭޓް ކައުންސެލާ މި ފަހަރު ޖެނެރަލް އެސެމްބްލީ އަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރު ސޫކީ ވަނީ ޖެނެރަލް އެސެމްބްލީ އަށް ވަޑައިގެން ތަގްރީރު ކުރައްވައިފަ އެވެ.

މިއަންމާ ސަރުކާރުގެ އެހެން ތަރުޖަމާނަކު ރޮއިޓާސް އަށް ވިދާޅުވީ "މާބޮޑެތި މައްސަލަތައް ސޫކީ ހައްލު ކުރައްވަން ޖެހިފައިވާ ކަމަށާއި" ފާޑުކިޔުންތަކާ ނުވަތަ މައްސަލަތަކާ ކުރިމަތި ލައްވަން ސޫކީ ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ނިއު ޔޯކުގައި ސެޕްޓެމްބަރު 19-25 އަށް ކުރިއަށްދާ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ސޫކީ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.

މިއަންމާގެ ލީޑަރުގެ ހައިސިއްޔަތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އދ.ގައި ސޫކީ ދެއްވި ތަގްރީރުގައި ވަނީ ރޮހިންޖާ މުސްލިމުންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ކުރާ މަސައްކަތް ދިފާއު ކުރައްވައިފަ އެވެ.

މިއަންމާގައި މުސްލިމުންގެ ނަސްލު ނެތިކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އދ. އިން ބުނުމާ ގުޅިގެން މިއަންމާ ސަރުކާރުން ވަނީ އެ ވާހަކަ ގަބޫލް ނުކުރާނެ ކަމަށް ބުނެފަ އެވެ. ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ތިން ލައްކަ އަށް އަރައިފަ އެވެ.